ޚަބަރު

އިންޑިއާގެ އެހީގައި އިމާރާތް ކުރި 3300 ހައުސިން ޔުނިޓް ނިންމައި 72 ވެހިކަލް ހަދިޔާކޮށްފި


  • ރަމްޒީ ތަޅުދަނޑިއާ ހަވާލުވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ

  • މީގެ ކުރިން ވަނީ 700 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމާ ހަވާލުކޮށްފައި

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯން އެހީގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 3300 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި ހަވާލުކޮށްފިއެވެ.

މި ހައުސިން ޔުނިޓްތައް ނިންމައި ދިވެހި ސަރުކާރާ ހަވާލުކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު މުހިންމު ދާއިރާތަކުން އެއްބަސްވުން ބަދަލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 227 މިލިޔަން ޑޮލަރު ނުވަތަ 3.5 ބިލިޔަން ރުފިޔާގެ ލޯނުގެ އެހީގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެތެރޭގައި ހިމެނެނީ ކޭޕީއައިއެލްއިން ހަދާ 16 ޓަވަރާއި އެންބީސީސީން ހަދާ 16 ޓަވަރެވެ.

މި ހައުސިން ޔުނިޓްތަކުގެ ތެރެއިން 700 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައިވަނީ ހަވާލުކުރައްވާފައެވެ.

މި ހައުސިންގ ޔުނިޓްތައް ބަހާލާފައިވަނީ ޖުމްލަ 32 ޓަވަރަކަށެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރަނީ 2 ކޮޓަރީގެ 1200 ހައުސިންގ ޔުނިޓާއި، 3 ކޮޓަރީގެ 2800 ހައުސިންގ ޔުނިޓެވެ. މީގެތެރެއިން 2 ކޮޓަރީގެ ޔުނިޓްތަކުގައި 650 އަކަފޫޓު ހުންނައިރު، 3 ކޮޓަރީގެ ފްލެޓްތަކުގައި 900 އަކަފޫޓު ހުންނާނެއެވެ. މި ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތަކާއެކު މިހާރުވަނީ އެއްބަސްވުންތަކުގައި ސޮއިކުރައްވާފައެވެ.

ދެ ޤައުމުގެ ދެމެދު މުހިންމު ދާއިރާތަކުން އެއްބަސްވުން ބަދަލުކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި އިންޑިއާއިން ވަނީ ރާއްޖެއަށް 72 ވެހިކަލްވެސް ހަދިޔާކުރައްވާފައެވެ.

އިންޑިއާއިން ހަދިޔާ ކުރި ވެހިކަލްތަކަކީ ރާއްޖޭގެ ދިފާޢީ ބާރަށް ހަދިޔާކޮށްފައިވާ ވެހިކަލްތަކެކެވެ.

އިންޑިއާއިން ހަދިޔާ ކުރި ވެހިކަލްތައް

* 27 ގޮނޑީގެ 8 ބަސް
* 10 ޕިކަޕް
* 10 ކުދި ވޭން
* 10 ވޭން
* 5 ލޮރީ
* 8 ޓްރެކްޓަރ
* 4 ޓިޕަރ ޑަމްޕް ޓްރަކް
* 4 ބެކްހޯ ލޯޑަރ
* 2 ކެރޭން
* 6 މިނީ އެކްސްކަވޭޓަރ
* 5 އެކްސްކަވޭޓަރ

އިންޑިއާއިން މިތަކެތި ހަވާލުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އަދި މިތަކެތީގެ ރަމްޒީ ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.