އިންޑިއާގެ ބޮޑުވަޒީރު ނަރެންްދުރާ މޯދީ ތިން ވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވީ މިދިޔަަ 2024 ވަނަ އަހަރުގެ ޖޫންމަހުގެ ނުވަވަނަ ދުވަހުއެވެ. މޯދީ ލީޑަރަކަށް ހުންނަވައިގެން ބާރަތިޔާ ޖަނަތާޕާޓީން އިންޑިއާގެ އާއްމު އިންތިހާބު ޖެހިޖެހިގެން ތިން ވަނަ ފަހަރަަށް ކާމިޔާބުކުރެއްވުމާ އެކު އޭނާގެ ލީޑަޝިޕް ގެ އާރުލުން މިވަނީ އިތުރުވެފައެވެ.
މިދިޔަ އަހަރު ބޭއްވި އާއްމު އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު އިތުރުވެފައި ވުމުން އެނގެނީ އިިންޑިއާގެ އިންތިހާބުތަކަށް ރައްޔިތުން އިތުބާރުކުރާ ކަމެވެ. އެހާ ގިނަ ބަޔަކު ވޯޓުލާން ނުކުމެގެން މޯދީގެ ބީޖޭޕީއަށް ލިބުނު ކާމިޔާބީން ދައްކައިދެނީ އެގައުމުގެ ރައްޔިތުން މޯދީއަށް ކުރާ އިތުބާރެވެ.
އެ އިތުބާރުގެ ފަހަތުގައި އޮތީ 2014 ވަނަ އަހަރުން ފެށިގެން މިހައިތަނަށް އިންޑިއާގެ ރައްޔިތުންނަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކެވެ.
އެންމެ ފަހު މަސައްކަތާ ޖެހެންދެން، މަސައްކަތް ކުރިއަށްދާ ގޮތް ބަލައި ނިމުނުކަން ކަށަވަރު ކުރައްވަން ގެންގުޅުއްވި " އާންްތު ޔޮދާޔާ" ސިޔާސަތުގެ ކާމިޔާބީ އެންމެ ބޮޑަށް ފެންނަން އޮތީ ފަގީރުކަން ނައްތައިލުމުގަ އެވެ. އިންޑިއާގެ ތިންކް ޓޭން އެން އައިޓީއައި އާޔޮގް އިން ކުރި ސާވޭއަކުން ދެއްކި ގޮތުގައި އިންޑިއާއިން ފަގީރުކަން ނައްތައިލުމުގެ ދުވެލި މޯދީގެ ވެރިކަމުގައި ވަނީ ރެކޯޑް މިންވަރަކަށް އަވަސް ވެފައެވެ. ހުރިހާ މިންގަނޑުތަކަކުން ވެސް ފަގީރުންގެ ގޮތުގައި ބަލާ ހާލަތުން، މޯދީގެ ވެރިކަމުގައި 25 ކްރޯޑް (250 މިލިޔަން) މީހުންސަލާމަތްވެފައިވާ ކަމަށް އެ ސާވޭ އިން ދެއްކިއެވެ.
އެކަމުގެ އެއް ސަބަބަކީ ފަގީރުންނަށް ބޭސްފަރުވާކޮށްދޭން އޭނާ ތައާރަފްކުރެއްވި ހެލްތު އިންޝުއަރެންސް ސްކީމް، "އަޔުޝްމާން ބާރަތު" އެވެ. އެ ސްކީމުން މިހާރު 50 ކްރޯޑް ( 500 މިލިޔަން) މީހުންނަށް ޚިދުމަތް ލިބެ އެވެ. އެ އަދަދަށް މީހުން ބައިވެރިކޮށްފައި ވާތީ އެ ސްކީމް ވެފައި ވަނީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ބަޔަކު އެއް ސްކީމެއްގައި ބައިވެރިވާ ހެލްތު އިންޝުއަރެންސް ސްކީމަށެވެ.
ފަގީރުކަން ނައްތައިލެއްވުމަށް މޯދީ އެޅުއްވި އަނެއް ފިޔަވަޅަކީ ކައްކާ ގޭސް ނުލިބޭ ވަރުގެ ނިކަމެތީންނަށް ހިލޭ ގޭސް ފޯރުށްދޭން ކުރިއަށް ގެންދިޔަ، "ދަ ޕްރަދާން މަންތުރީ އުޖުވާލާ ޔޮޖާނާ" ޕްރޮގްރާމެވެ. އެ ޕްރޮގްރާމްގައި 100 މިލިޔަން ބަަދިގެއަކީ ދުން ނާރުވައި ކައްކާ ބަދިގެ ތަކަށް ބަދަލުކޮށްލިއެވެ. އިންޑިއާގެ މިނިވަން ކަމަށް 70 އަހަރު ވީ އިރު ވެސް ކަރަންޓް ނުލިބޭ 18000 އަވަށް އެގައުމުގައި އޮތެވެ. އެ އަވަށް ތަކަށް ކަރަންޓު ދޭން ފެށްޓެވީ މޯދީގެ ވެރިކަމުގައެވެ.
އެ ފިޔަވަޅުތައް އެޅުނީ މޯދީގެ ވެރިކަމުގައި އިގުތިސާދީ ގޮތުން އިންޑިއާ ހޯދަމުން އަންނަ ކުރިއެރުންތަކުގެ ސަބަބުންނެވެ. މިދިޔަ 10 އަހަރު ވެސް އެގައުމުގެ އިގުތިސާދީ ކުރިއެރުން ހުރީ ދުނިޔޭގެ އެވަރޭޖަށް ވުރެ މަތީގައެވެ. ޖީޑީޕީ 3.7 ޓްރިލިއަންގައި ހުރި އިރު ބޮލަކަށް ޖެހޭ ނިސްބަތް ހުރީ 2612 ޑޮލަރުގަ އެވެ. އެ ގައުމަކީ މިހާރު ދުނިޔޭގެ ފަަސްވަނަ އަށް އެންމެ ބޮޑު އިގުތިސާދެވެ.
ނަރެންދްރަ ދާމޯދަރްދާސް މޯދީގެ ޅަ އުމުރުޅައި, ދުވާލުގެ ގިނަ ވަގުތު ހޭދަކުރައްވަން ޖެހިވަޑައިގަތީ ގުޖުރާތް ސްޓޭޓްގެ ވަޑްނަގަރު ރޭލު ސްޓޭޝަނުގައެވެ. އެ ސްޓޭޝަނުން ދަތުރު ކުރާ ފަސިންޖަރުންނަށް ސައިވިއްކުމުގައި ބައްޕާފުޅަށް އެހީތެރިވެދެއްވުމުގައެވެ. ނަމަވެސް މިއަދު އޭނާއަކީ އިންޑިޔާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ, ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އެންމެ އިސް ވެރިޔާއެވެ. އަދި, ދުނިޔޭގެ އެންމެ ބޮޑު ޑިމޮކުރަސީގެ ބޮޑުވަޒީރެވެ.
މޯދީ އުފަންވެވަޑައިގަތީ 1950ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 17ވަނަ ދުވަހުއެވެ. ޢާއިލާއަކީ ކުޑަ ވިޔަފާރިއެއް ހިންގާ, ދަށް ފަންތީގެ ކާސްޓަކަށް ނިސްވަތްވާ ޢާއިލާއެކެވެ. ނަމަވެސް, މޯދީގެ އުމުރުން ވަރަށް ޅަ ދުވަސްވަރުން ފެށިގެން ސިޔާސީ މައިދާނަށް ޝައުޤުވެރިކަން އުފެދުނެވެ. އަދި, އުމުރުން އަށް އަހަރުން ފެށިގެން ރާޝްތްރިޔަ ސްވަޔަކްސޭވަކް ސަންގް (އާރްއެސްއެސް)އާއެކު މަސައްކަތްޕުޅުކުރައްވަން ބޭނުންފުޅުވިއެވެ.
އިންޑިޔާގެ ބިޔަ, ބޮޑު އާބާދީއާ އަޅައިބަލާއިރު ގުޖުރާތްގައި ދިރިއުޅެނީ އެންމެ ފަސް އިންސައްތައެވެ. ނަމަވެސް, މޯދީގެ ރޭވުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ގުޖުރާތަކީ އިންޑިޔާގެ މައި އިޤުތިޞާދީ މަރުކަޒަކަށް ހެއްދެވިއެވެ. އަދި, ސިނާޢީ އުފެއްދުންތެރިކަން އިތުރުކޮށް, އިންޑިޔާގެ އިޤުތިޞާދުގެ ސިނާއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 16 އިންސައްތަ ހިއްސާ ގުޖުރާތަށް ހޯއްދަވައިދެއްވިއެވެ. އެއިރު, ކަރަންޓުގެ ޚިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން ދިޔަ, އަދި އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ މަގުތައް އޮތީ ގުޖުރާތުގައެވެ.
މޯދީގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީގައި ލިޔުންތެރިޔާ ޝިރްޝޭދޫ މުކޯޕާދިޔާޔީ ލިޔުއްވާފައިވާ ގޮތުގައި މޯދީއަކީ ހިތްވަރުގަދަ, ގިނަ ވަގުތު ބުރަކޮށް މަސައްކަތް ކުރެއްވުމުގައި ހޭދަ ކުރައްވާ ބޭފުޅެކެވެ. އަދި, ހިންގުންތެރި, ގަބޫލުކުރައްވާ ސިޔާސީ ފިކުރު ކުރިއަރުވަން ޚިދުމަތް ކުރުމުގައި ދެމިހެންނެވުމުގެ އަޒުމުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.
އިންޑިޔާގައި ދާދިފަހުން ބޭއްވި ޢާންމު އިންތިޚާބުގައި ބީޖޭޕީއަށް އޮތް ތާޢީދު ފަނޑުވެފައިވާކަން ހާމަވެގެން ދިޔަ ނަމަވެސް, ބީޖޭޕީގެ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ކޯލިޝަނުން ވަނީ އިންތިޚާބުގައި ކުރި ހޯދާފައެވެ. އަދި, އެ ކޯލިޝަންގެ ބޮޑު އަޣުލަބިއްޔަތަކުން މޯދީގެ ވެރިކަން ބަލައިގަނެ, އިތުރު ދައުރެއްގައި ބޮޑުވަޒީރު ކަމުގެ މަޤާމުގައި ދެމިހުންނެވުމުގެ ފުރުޞަތު މޯދީއަށް އަރުވާފައެވެ.
2001ވަނަ އަހަރު ސިޔާސީ މައިދާނުގައި ރަސްމީކޮށް ފިޔަޖައްސަވަން ފެއްޓެވި މޯދީގެ އުމުރުފުޅުން މިހާރު 73އެކެވެ. މިއަދު އޭނާއަކީ އިންޑިޔާގެ އެންމެ ބޮޑު އަދި ބާރުގަދަ ޕާޓީގެ އެންމެ މަތީ ވެރިޔާއެވެ. އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު އަދި ބާނީއެއްގެ ގޮތުގައި ބެލެވޭ ޖަވާހަރްލާލް ނެހްރޫއަށްފަހު, ތިންވަނަ ދައުރެއްގައި ބޮޑުވަޒީރުކަމުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވި ފުރަތަމަ ލީޑަރަކީ މޯދީއެވެ.