ޚަބަރު

އިސާކް ބޭނުންވަނީ ނިއުކާސަލް ދޫކޮށް އެހެން ތަޖުރިބާއެއް!


އިނގިރޭސި ޕްރިމިއަރ ލީގުގެ ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ފޯވާޑް އެލެކްޒެންޑަރ އިސާކް ބޭނުންވަނީ އެ ކުލަބު ދޫކޮށް އެހެން ތަޖުރިބާއެއް ކުރުމަށް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އޭޝިޔާއަށް ކުރަމުންދާ ދަތުރުގައި އިސާކް ބައިވެރިވެފައިނުވާއިރު އެ ކްލަބުން ބުނެފައިވަނީ އޭނާ ދަތުރުގައި ބައިވެރިވެފައިނުވަނީ އަނިޔާގެ ސަބަބުން ކަމަށެވެ.

ނިމިގެންދިޔަ ސީޒަނުގައި ނިއުކާސަލް އަށް ކުޅެދިން 42 މެޗުގައި އިސާކް ވަނީ 27 ލަނޑު ޖަހާފަ އެވެ. އަދި އޭނާ ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ވަނީ މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލްވެސް ހިމެނެ އެވެ. ލިވަޕޫލް އިން ދާދި ފަހުން ހޫގޯ އެކިޓީކޭ އެ ކްލަބަށް ގެންދިޔަ ނަމަވެސް އަދިވެސް އިސާކް ބޭނުންވާކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ޕްރީ ސީޒަނުގައި ސެލްޓިކް އަތުން 4-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިވި މެޗުގައިވެސް އިސާކް ފެނިފައެއް ނުވެއެވެ. ނަމަވެސް އިސާކް އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ނިއުކާސަލްއިން ދަނީ ބުނަމުންނެވެ.

ނިއުކާސަލްގެ ކޯޗު އެޑީ ހޯވޭ ބުނެފައިވަނީ ފުޓްބޯޅަ ސީޒަން ފެށޭއިރު އިސާކް އެ ކްލަބުން ފެނިގެންދާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.

"އިސާކް މި ކްލަބުގައި ހުރީ ހިތްހަމަޖެހިގެން އުފަލުން އަދި އޭނާ އާއިއެކު ތިބި ކުޅުންތެރިންގެ އިތުރުން އޮފިޝަލުންނާއިއެކުވެސް ރަގަޅު ގުޅުމެއް އެބައޮތް. ނަމަވެސް އެއްވެސް ކުޅުންތެރިއެއްގެ ނިންމުންތަކާއިމެދު %100 އެއްޗެއް ބުނާކަށް އަހަރެންނަށް ނޭނގޭނެ." ނިއުކާސަލްގެ ކޯޗު އެޑީ ހޯވޭ ބުންޏެވެ.