ކުރީގެ އެތުލީޓުންނާއި ކުޅިވަރުގެ ޚިދުމަތްތެރިން ކޮށްދެއްވި މަސައްކަތްތަކާއި އެކި ގޮތްގޮތުން ރާއްޖެއަށް ލިބިފައިވާ ކާމިޔާބީތައް އަރުޝީފުކުރެވި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ. 
ވަޒީރު މިހެން ވިދާޅުވީ ކުޅިވަރު ވަޒީރުންގެ އަގު ވަޒަންކުރުމާއި ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފުކުރަން ފެށުމުގެ ގޮތުން ހެންވޭރު މީރުމާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. 
ވަޒީރު ވިދާޅުވީ މި ކާމީޔާބީތައް ފެންނަން ހުރުމަކީ ކުޅިވަރުގައި އިތުރު ކާމީޔާބީ ހޯދުމަށް ލިބޭ ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ. 
"އަޅުގަނޑުމެންނަށް ކާމިޔާބުކުރެވުނީ ކޮންކޮން ކަމެއް ކޮށްގެންކަމާއި މީ ކޮން ބޭފުޅުންނެއްކަން އިނގިގެން އަޅުގަނޑުމެންނަށް އެކަމުގެ އަގު ވަޒަން ކުރެވޭނީ" ވަޒީރު ވިދާޅުވިއެވެ. 
އެހެންކަމުން އެކި އެތުލީޓުން ރާއްޖެއަށް ހޯދައިދީފައި ހުރި ރީތި ނަން އަންނަށް އޮތް ޖީލުތަކަށް ފޯރުކޮށްދެވެން އަންނަނީ ސިސްޓަމްގެ ތެރޭގައި އެ މައުލޫމާތު ފެންނަން ހުރެގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. 
ކުޅިވަރުގެ ކާމިޔާބީތައް އަރުޝީފު ކުރުމަކީ ކުރީގެ ކާމީޔާބީތަކުން ހިތްވަރު ލިބި އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންކަން ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިވާނެ ކަމައް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ކުޅިވަރުގެ މައިދާނުގައި ކަންކަން ހާސިލް ކުރަންވެސް އެނގޭނީ އެ ރިފަރެންސެއް އޮތުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ. 
  
ކުޅިވަރު ވުޒާރާއިން އިސް ނަގައިގެން ވަޒީރުންގެ ހިދުމަތުގެ އަގުވަޒަންކުރުމާއި ކުޅިވަރުތަކުގެ ކާމިޔާބީތައް އަރުޝީފުކުރުމަކީ މި ސަރުކާރުން ފެއްޓެވި މުހިންމު މަސައްކަތެކެވެ. 
		
										
			މި ރަސްމިއްޔާތުގައި މީގެ ކުރިން ކުޅިވަރު ވުޒާރާ ހިންގެވި ވަޒީރުންނަށް ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވާފައިވެއެވެ. 
އޭގެތެރޭގައި ހިމެނެނީ: 
1. ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ، އަލްމަރްޙޫމް ޢުމަރު ޒާހިރު.
2- ރާޝިދާ ޔޫސުފް
3- ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ، ޑރ. މުޙައްމަދު ޒާހިރު ހުސައިން.
4- އިބްރާހިމް ޙުސައިން މަނިކު. 
5- ޙުސައިން ޙިލްމީ.
6- މުޙައްމަދު ވަޙީދުއްދީން. 
7- ޑރ. އާއިޝަތު ޝިހާމް. 
8- އަލްއުސްތާޛް ޙަސަން ލަޠީފް. 
9- މުޙައްމަދު ޙުސައިން ޝަރީފް.
10- މުޙައްމަދު މަލީޙް ޖަމާލް. 
11- އަޙުމަދު ޡުހޫރު. 
12- އިރުތިޝާމް އާދަމް.
13- އަޙުމަދު މަޙުލޫފް. 
މި ވަޒީރުންގެ ދުވަސްވަރު ވަނީ ރާއްޖޭގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައެވެ. އަދި ރާއްޖެއަށް އެކި ކުޅިވަރުތަކުން ކާމީޔާބީތައް ހާސިލުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.