ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. މިލަދޫއަށް ވަޑައިގެންފި


  • މިއީ މިދަތުރުފުޅުގައި ވަޑައިގެންނެވި 10ވަނަ ރަށް

  • އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން އޮންނާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މިލަދޫއަށް ވަޑައިގެންފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅަށްކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވި 10ވަނަ ރަށެވެ.

މިލަދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް މަރުޙާބާ ދަންނަވާފައެވެ.

މިލަދޫއަށް ވަޑައިގެން އެރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކެއް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރައީސްގެ މި ދަތުރުފުޅުގައި މިލަދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމާއި، އެރަށުގެ އައުޓްޑޯރ ޖިމްގެ މަސައްކަތް ފައްޓާދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ މިލަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން އޮންނާނެއެވެ. މި ބައްދަލުކުރެއްވުން އޮންނާނީ މިއަދު މެންދުރު ފަހުގައެވެ.

މިމަހުގެ 21 އިން 24 އަށް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އެއަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ.

އަތޮޅުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރަމުން ގެންދަވާ ދަތުރުފުޅަކީ، ރައްޔިތުންގެ ގާތަށް ވަޑައިގެން ޙާލަތު ބެއްލުވުމަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ. އަދި ކައުންސިލްތަކާ ބައްދަލުކުރައްވާ ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ހޯދުންމަކީވެސް މި ދަތުރުފުޅުތަކުގެ މަޤްސަދެކެވެ.