ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެމްޕިއަންސް ލީގު 2025 ގައި ރޭ ކުޅުނު މެޗު ސީދާ ތިން ސެޓުން ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިޔަށް ދިޔަ މި މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ނިކުތީ ލަންކާ ޕޯޓްސް އޮތޯރިޓީ އާއި ދެކޮޅަށެވެ.
ރޭ ކުޅުނު ލީގު ބުރުގެ ފަހު މެޗުގައި މެޗުގައި ލަންކާ ޓީމަށް މާ އެދެމޭ ކުޅުމެއް ދެއްކިފައިނުވާއިރު ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުން ފުރަތަމަ ސެޓު ގެންދިޔައީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
އެގޮތުން މެޗުގެ ފުރަތަމަ ސެޓު 25-16 އިން ކާމިޔާބުކޮށް ދެވަނަ ސެޓު 25-22 އިން ނޭޕާލް ޓީމުން ކާމިޔާބުކުރިއެއވެ. އެހެންނަމަވެސް ތިން ވަނަ ސެޓުގައި ލަންކާ ޕޯޓްސް އިން ކުޅުން ރަނގަޅުކުރިއެވެ. ނަމަވެސް އެ ސެޓު 25-23 ން ކާމިޔާބުކުރީ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބުންނެވެ.
ލީގު ބުރުގެ ފަހު މެޗުގައި ހެލްޕް ނޭޕާލުން ހޯދި މި މޮޅާއެކު އެޓީމު އޮތީ ތާވަލުގެ ތިން ވަނައިގައެވެ. މި މެޗުން ބަލިވި ސްރީލަންކާ ޕޯސްޓް އޮތޯރިޓީއަށް ލިބިފައިވާ ހަ ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.