ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފިއެވެ.
މި ހަރަކާތް ފެށީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި މޯލްޑިވްސް މެރިން އިންސްޓިޓިއުޓް، އެމްއެމްއާރްއައިގެ ބައިވެރިވުމާއެކުއެވެ.
ހުޅުމާލޭގެ އިރުމަތީ ފަރުން ވަކިބާވަތެއްގެ މުރަކަ ނަގައިގެން، ފޭސް އެކެއްގެ ޗެނަލްގައި މުރަކަ އިންދުމުގެ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިދިޔަ އަންގާރަދުވަހު ހަވީރުއެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މުރަކަ އާލާކުރުމުގެ މިހަރަކާތުގެ ދަށުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
އެޗްޑީސީން ވިދާޅުވީ މީގެ ބޭނުމަކީ، އެކި ކަހަލަ މޫދުގެ ދިރުންތައް އެ ސަރަހައްދުގައި އާލާކުރުން ކަމަށެވެ. އަދި މި ހަރަކާތަކީ، އެ ކޯޕަރޭޝަންގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ވިދާޅުވިއެވެ.
"މިތަނުގައި މަސްތަކާއި ކަނޑުގެ ދިރުން އާލާކޮށް، ކަނޑު އަޑީގެ ބަގީޗާއެއް ހެދުން އަމާޒަކީ،" އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވިއެވެ.
މުރަކަ އިންދުމުގެ ހަރަކާތުގައި އެޗްޑީސީއާއި އީޕީއޭއާއި، މޯލްޑިވްސް މެރިން އިންސިޓްޓިއުޓްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.