ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ގައި މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށް، ފައިނަލްގެ އުއްމީދު ބިޝްކެކުން ބޮޑުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ދިވެހި ސިފައިންގެ ކުލަބާއި ދެކޮޅަ ކުޅުނު މިމެޗު ކިރިގިސްތާނުގެ ބިޝްކެކުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ބިޝްކެކުން ކާމިޔާބުކުރީ 25-23، 25-16 އަދި 27-25 ންނެވެ.
ލީގުބުރުގައި ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށް ބިޝްކެކް އޮތީ 11 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. މިމެޗުން ބަލިވި ދިވެހި ސިފައިންގެ ކުލަބަށް ޖެހޭނީ ރޭންކިންގ މެޗު ކުޅޭށެވެ. ލީގު ބުރުގެ ފަހު މެޗުގައި ބިޝްކެކުން ނުކުންނާނީ ޒައިކާއި ދެކޮޅަށެވެ.
ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭނީ ލީގު ބުރު ނިމޭއިރު އެއްވަނަ އަދި ދެވަނަ ހޯދާ ދެޓީމެވެ. ތިންވަނަ އަދި ހަތަރުވަނަ ކަނޑައެޅުމަށް ރޭންކިން މެޗެއް ކުޅޭއިރު، ފަސްވަނަ އަދި ހަވަނަ ޓީމުގެ މެދުގައި ވެސް ރޭންކިން މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ.
މިމަހުގެ 17 އިން 23 އަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މިމުބާރާތް ނޭޕާލުގައި ކުރިއަށް ގެންގޮސްފައިވާއިރު، ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ނަމުގައި މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ.