ފަތުރުވެރިންގެ މެދުގައި މަޤްބޫލް މަންޒިލެއް ކަމަށްވާ ވިއެޓްނާމްގެ ހާލޯންގް ބޭއަށް ބޯޓެއް ބަންޑުން ޖަހާލައި ގިނަ ޢަދަދެއްގެ މީހުން މަރުވެއްޖެއެވެ.
53 މީހުން ގޮވައިގެން ދަތުރުކުރި މި ބޯޓު ބަންޑުން ޖަހާލާފައި ވަނީ މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ. ދެކުނު ޗައިނާ ކަނޑު ހުރަސްކޮށް ވިފާ ތޫފާން ވިއެޓްނާމާ ކައިރިވަމުން ދިޔަ ވަގުތު އެ ސަރަޙައްދުގެ ވައި ބާރުވެ ބޯޯކޮށް ވާރޭ ވެހި ގުގުރާ ވިދަމުން ދިޔައެވެ.
ބޯޓުގައި ދަތުރުކުރި މީހުންގެ ތެރޭގައި ގިނައީ ވިއެޓްނާމްގެ ވެރިރަށް، ހަނޯއީއަށް ނިޞްބަތްވާ ފަތުރުވެރިންނެވެ. ބޯޓުގައި ތިބި މީހުންނަކީ ކޮން ޤައުމުތަކަކަަށް ނިޞްބަތްވާ ބައެއްކަން މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ބަންޑުން ޖަހާލާފައިވާ އުޅަނދުގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހާދިޘާގައި ސަލާމަތްވި މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތުން މިހާތަނަށް ސަލާމަތްކޮށްފައި ވަނީ 11 މީހުންނެވެ. ގެނބިގެން މަރުވެފައިވާ 34 މީހުންގެ ހަށިގަނޑު ވެސް ވަނީ އެ ސަރަޙައްދުން ހޯދާފައެވެ. މަރުވި މީހުންގެ ތެރޭގައި 8 ކުޑަކުދިން ހިމެނޭ ކަމަށް ވިއެޓްނާމްގެ ޚަބަރުތަކުން ބުނެއެވެ.
ހަނޯއީއާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ހާލޯންގް ބޭއަށް އަހަރުކު ދިހަހާހުން މީހުން ޒިޔާރަތްކުރެއެވެ. އެ ސަރަޙައްދަށް ޒިޔާރަތްކުރާ މީހުން ގޮވައިގެން ބޯޓުތަކުގައި ކުރާ ދަތުރުތަކަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤުބޫލް ޙަރަކާތެކެވެ.
ސްޓޯމް ވިފާގެ ނަމުން ނަން ދީފައިވާ މި ތޫފާނަކީ ދެކުނު ޗައިނާ ކަނޑުގައި މި އަހަރު އުފެދުނު މި ފަދަ ތިންވަނަ ތޫފާނެވެ. އަންނަ ހަފްތާގެ ކުރީކޮޅު އެ ތޫފާން ވިއެޓްނާމްގެ އުތުރު އައްސޭރިފަށާ ހަމައަށް ފޯރާނެ ކަމަށް ބެލެވެއެވެ.
ތޫފާނުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫ އަރައިފައެވެ. އެ ގޮތުން ވިއެޓްނާމްގެ ނޮއި ބައި ވައިގެ ބަނދަރަށް ޖައްސަން އައި ނުވަ ފްލައިޓު ވަނީ އެހެން އެހެން ވައިގެ ބަނދަރުތަކަށް ޖައްސާގޮތަށް ބަދަލުކޮށްފައެވެ. އަދި އެ ވައިގެ ބަނދަރުން ނައްޓާލަން ހަމަޖެހިފައި އޮތް ތިން ފްލައިޓެއް ވަނީ މަޑުޖައްސައިލައިފައެވެ.