ޚަބަރު

ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމަށް މީހުން ތަމްރީންކުރަން ފަށައިފިން: ވަޒީރު އާދަމް ނަސީރު


  • މީގެ ބޭނުމަކީ އެމީހުންގެ ތަޖުރިބާއިން މައުލޫމާތު ހޯދުން

ދުވަސްވީ މީހުންގެ ހަނދާންތައް އެއްކުރުމަށް ކުރިއަށްގެންދާ ގައުމީ މަޝްރޫޢަށް ރަށްރަށުން މީހުން ތަމްރީން ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިސްރަށްވެހިންގެ ހަނދާންތައް އެއްކުރުން ނުވަތަ އޯރަލް ހިސްޓްރީ އެއްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުތެރޭ ފެށުމަށްޓަކައި އެ ވުޒާރާއިން ދަނީ ތައްޔާރުވަމުންނެވެ. ވަޒީރު ވިދާޅުވީ ފާއިތުވި 50 ނުވަތަ 60 ވަރަކަށް އަހަރު ތެރޭގައި ރާއްޖެ ދުށް ދުވަސްވީ މީހުންގެ ކިބައިގައި ވަރަށް ގިނަ ދިވެހި ވަންތަ ހުނަރުތަކެއް ހުންނާނެކަމަށެވެ. މި ހުރިހާ ކަމެއް ރެކޯޑް ކުރެވުމުން ގައުމު ފާއިތުވި 50 އަހަރު ދަތުރުކޮށްފައި އޮތް މިސްރާބާއި ދިވެހިން ދިވެހިންގެ އަމިއްލަވަންތަ ސިފަތައް ގެންގުޅެފައި ހުރި ގޮތުގެ ރެކޯޑް ހޯދޭނެކަމަށް ވިދާޅުވިއެވެ.

މިކަން ހޯދުމުން އޭގެ މައްޗަށް ބިނާކޮށް ރާއްޖޭގެ ރަށްރަށް ތަރައްޤީކުރާއިރު ވިސްނޭނެ ވަރަށް ގިނަ ކަންކަން ހުންނާނެކަމަށާއި ދިވެހި ވަންތަކަން އިއާދަކުރުމަށްޓަކައި ބޭނުންހިފޭނެ ވަރަށް ގިނަ މައުލޫމާތު ހުންނާނެކަން ވަޒީރު އާދަމް ނަސީރު ފާހަގަކުރެއްވިއެވެ.

"ދިވެހިންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން އަޅުގަނޑުމެން މިދެންނެވި މަސައްކަތް އެކިއެކި ރަށްރަށާއި ގުޅައިގެން ފުރަތަމަ މީހުން ތަމްރީން ކުރުމުގެ މަސައްކަތްތަކެއް އެބަ ކުރިއަށްގެންދަން. މީހުންނަށް ތައާރަފްކޮށްދިނުން މިކަމަކީ ކިހިނެއް ހިނގާ ކަމެއްކަން، ކިހިނެއް ކުރާ ކަމެއްކަން. އިލްމީ މައުލޫމާތުތައް އެކަން ކުރާގޮތްތައް ދަސްކޮށްދިނުން. އެ މަސައްކަތް ކުރިއަށްގެންގޮސް އެ މަޝްރޫއުވެސް ވަރަށް އަވަހަށް އަޅުގަނޑުމެން ރަސްމީކޮށް އިފްތިތާހުކުރާނަން." ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި މި މަޝްރޫއު އިފްތިތާހުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.