އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ބްރެންޓްފޯޑްގެ ފޯވަޑް ބްރަޔަން އެމްބުއޭމޯ ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑް އިން ތިންވަނަ ފަހަރަށް ބިޑުކޮށްފި އެވެ.
އުމުރުން 25 އަހަރުގެ ކެމަރޫންގެ ފޯވަޑް ހޯދުމަށް ޔުނައިޓެޑް އިން ތިންވަނަ ފަހަރަށް ބިޑު ކޮށްފައިވަނީ އެ ކްލަބުން ކުރިން ހުށައެޅި ދެ ބިޑުވެސް ބްރެންޓްފޯޑް އިން އަނބުރާ ފޮނުވާލުމާއި ގުޅިގެންނެވެ. އަދި ބްރެންޓްފޯޑުން އޭނާ ވިއްކާލުމަށް ކިޔާ އަގު މި ފަހަރުގެ ހުށައެޅުމުގައި ހިމަނާފައިވާކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
އެމްބުއޭމޯ ހޯދުމަށް ޔުނައިޓެޑް އިން ފުރަތަމަ ހުށައަޅާފައިވަނީ 75 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި ދެވަނަ ހުށައެޅުމުގައި 81 މިލިއަން ޑޮލަރު ހިމަނާފައިވާއިރު ތިންވަނަ ހުށައެޅުމުގައި 80 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން އެޑްއޮންގެ ގޮތުގައި އިތުރު ފަސް މިލިއަން އެމެރިކާ ޑޮލަރު ވަނީ ހިމަނާފަ އެވެ.
ބްރެންޓްފޯޑް އިން އެމްބުއޭމޯ އާއިއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން އޭނާ ވަނީ މިދިޔަ ސީޒަނުގައި 20 ގޯލު ޖަހާފަ އެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ޝިކާގޯ އަށް މެންޗެސްޓަރ ޔުނައިޓެޑް އަންނަ ހަފްތާގައި ފުރުމުގެ ކުރިން ކޯޗު ރުބެން އަމޮރިމް ދަނީ އެމްބުއޭމޯގެ ސޮއި ހޯދުމަށް އެ ކްލަބުގެ މެނޭޖުމަންޓުގައި އެދިފަ އެވެ.
އެމްބުއޭމޯ ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑް އިން މަސައްކަތް ކުރަމުންދާއިރު ޗެލްސީގެ ފޯވަޑް ނިކޮލަސް ޖެކްސަން ހޯދުމަށްވެސް މެންޗެސްޓަރ ޔުނައިޓެޑް އިން މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
ކުރިއަށް އޮތް ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑް އިން ޕްރިމިއާ ލީގުގައި ފުރަތަމަ ނިކުންނާނީ އޮގަސްޓް 17 ވަނަ ދުވަހު އާސެނަލް އާއި ދެކޮޅަށެވެ.