ދ. ކުޑަހުވަދޫގައި ރަޝީދު ކާޕެންޓްރީ އެންޑްކޮންސްޓްރަކްޝަން ކުންފުނިން ތަރައްޤީކުރާ 160 އެޕާޓްމަންޓުގެ
ތެރެއިން ފުރަތަމަ 80 އެޕާޓްމަންޓް ހިމެނޭ ޓަވަރުގެ ބިންގާ އަޅައިފިއެވެ. މިއީ އާރްސީސީއާއި ދާލު ކުޑަހުވަދޫ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެވެ. އާރްސީސީއިން ވިދާޅުވީ އަމާޒަކީ 2 އަހަރު ތެރޭގައި މިމަޝްރޫއު ނިންމާލުންކަމަށެވެ.
ކުޑަހުވަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.
މި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މާލެ ފިޔަވައި ޕްރައިވެޓް ސެކްޓަރއިން އަތޮޅުތެރޭ މިފަދަ ހައުސިންގ މަސްރޫއެއް ކުރިއަށްގެންދާ މީއީ ފުރަތަމަ ފަހަރުކަމަށެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުންކަމަށެވެ. އެކި ފަންތީގެ ފަރާތްތަކަށް ސަރުކާރުން ދަނީ ބޯހިޔާވަހިކަމުގެ ތަފާތު މަޝްރޫތައް ހިނގަމުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ކޮންމެ ރަށެއްގެ ބަޔަކުވެސް މަސައްކަތް ކުރަންވާނީ ފުއްދުންތެރި ބަޔަކަށް ވުމައްކަމަށެވެ. އެގޮތުން ކުޑަހުވަދޫއަކީ އޭގެ މިސާލެއްކަން ވަޒީރު ވަނީ ފާހަގަކޮށްފައެވެ. ވަޒީރު ވިދާޅުވީ ކޮންމެ ރަށެއްގެވެސް އަމާޒަކަށް ވާންވާނީ ފުދުންތެރި ރަށަކަށް ވުމަށްކަމަށެވެ.
"ކޮބާތޯ ފުދުންތެރިވުމަކީ، އެރަށެއްގައި އޮންނަ އިގްތިސާދީ އެރަށެއްގެ ތެރޭގައި އުޅޭ އާބާދީގެ ތެރެއިން ފަންކްޝަން ކުރާ އިގްތިސާދަކަށް ވާން ޖެހޭނެ. އާބާދީ އާއި ތަރައްގީ އެއްފަސް ވެފައިވާ ވިޔަފާރިއާއި ވަޒީފާތައް ފަހިވެފައިވާ ރަނގަޅު ފެންވަރުގެ ތައުލީމާއި ސިއްހީ ހިދުމަތް ލިބޭ ރަށަކަށް ވެގެން މިދެންނެވި ގޮތައް ތަރައްގީވެފައި އޮތް ރަށަކަށްވާނީ" ވަޒީރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަމުން އާރްސީސީގެ ޗެއާރމަން މުހައްމަދު ނާޒިމް ވިދާޅުވީ މިއަދަކީ ކުޑަހުވަދޫއަށްވެސް އަދި އާރްސީސީއަށްވެސް ވަރަށް ތާރީޚީ ދުވަހެއްކަމަށެވެ. ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ފެށިގެން ދާ ދުވަސްކަމަށެވެ. ނާޒިމް ވިދާޅުވީ ކުޑަހުވަދޫއަކީ ތަރައްޤީކުރަން މުހިންމުރަށެއްކަމަށެވެ. ސަބަބަކީ ކުޑަހުވަދޫއަކީ ސަރުކާރުން އާރބަން ސެންޓަރެއްގެ ގޮތުގައިވެސް ތަރައްޤީކުރަން ނިންމާފައިވާ ރަށެއްކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.
"މިރަށުގައި އެއަޕޯޓެއް އެބައޮތް. އަދި މިތަންތަން ތަރައްގީކުރުމައްޓަަކައި ސަރުކާރުން ވަރަށް ބޮޑައް މަސައްކަތް ކުރަމުންދާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން މިދަނީ. އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ މިވަނީ މިރަށަކީ އާރބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައި. އެކަމާއި ގުޅޭ މަޝްވަރާތައް ކުރައްވާ މިނިސްޓަރގެ ބެއްލެވުމުގެ ދަށުން ވަރަށް ބާރަށް ތަރައްގީވަމުންދާ ރަށެއްގެ ގޮތުގައި ފާހަގަވެފައިވަނީ" ނާޒިމް ވިދާޅުވިއެވެ.
އާރްސީސީން ކުޑަހުވަދޫގައި 160 އެޕާޓުމަންޓު ތަރައްޤީކުރަން ހަމެޖެހިފައިވަނީ 2 ޓަވަރަކަށެވެ. އެގޮތުން އަމަލީ މަސައްކަތް ފެށިގެން ދިޔައީ "މާވޭރު" ނަމުގައި ތަރައްޤީކުރާ ޓަވަރު އޭގެ 80 އެމާޓްމަންޓެވެ. ކޮންމެ އެޕާޓްމަންޓެއްގެ އަގަކީ ޖީއެސްޓީއާ ނުލައި 1.5 މިލިޔަން ރުފިޔާއެވެ.
މިއިން ކޮންމެ ޓަވަރެއްގައި 2 ލިފްޓް ހުންނާނެއެވެ. އަދި މި އެޕާޓްމަންޓްތަކުގައި 3 ކޮޓަރިއާ 3 ފާޚާނާ ހުރެއެވެ. މިއިން ކޮންމެ އެޕާޓްމަންޓެއްގައި 1200 އަކަފޫޓުގެ ހުންނާނެއެވެ. އާރުސީސީން މިހާރު ވަނީ އެޕާޓްމަންޓްތައް ގަންނަން ހުޅުވާލާފައެވެ. އެގޮތުން އާރުސީސީއަށް ގުޅުމުން ނުވަތަ ވެބްސައިޓުން އެޕާޓްމަންޓް ގަތުމާ ގުޅޭ މަޢުލޫމާތު ލިބޭނެކަމަށް އެކުންފުނިން މައުލޫމާތުދެއްވައެވެ.
ކުޑަހުވަދޫއަކީ އެއަރފޯޓެއް އޮންނަ ގެސްޓުހައުސްގެ ވިޔަފާރި ފުޅާވަމުން އަންނަ ރަށެކެވެ. ކުޑަހުވަދޫއަކީ 3000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ރަށެކެވެ.