އައިސްލޭންޑުގެ ރޭކްޔަނެސް ޕެނިންސުލާ ސަރަޙައްދުގައި ހުންނަ އަލިފާން ފަރުބަދައެއް އަނެއްކާ ވެސް ގޮވައިފިއެވެ. މިއީ 800 އަހަރުވަންދެން އެއްވެސް ގޮވުމެއް ނެތި އެ ސަރަޙައްދުގެ އަލިފާން ފަރުބަދަތައް އޮތުމަށްފަހު، 2021ވަނަ އަހަރު އެ އަލިފާން ފަރުބަދަތައް އަލުން ‘ހޭލި’ ފަހުން ގޮވާ މި ފަދަ 12 ވަަނަ ގޮވުމެވެ.
އައިސްލެންޑުގެ މޫސުމާބެހޭ އިދާރާއިން ބުނީ ބިމު އަޑީގައި އުފެދިފައިވާ ދިޔާ އަލިފާން، އަލިފާން ފަރުބަދައިގެ އެތެރޭގައި އުފެދިފައިވާ ގާތްގަނޑަކަށް 700މީޓަރާއި 1،000 މީޓަރުގެ ދިގު ކެނޑުމެއް މަތިން އަރައި، ގޮވާފައިވާ ކަމަށެވެ. އެއާއެކު ދިޔާ އަލިފާނުގެ ކޯރުތައް ވަނީ އެ އަލިފާން ފަރުބަދަ މަތިން ފައިބަން ފަށައިފައެވެ. މި ގޮވުން ގޮވާފައި ވަނީ އެ ކަން ހިނގަން އުޅޭކަމުގެ މާ ބޮޑު އިޝާރާތެއް ނުފެނި ކަމަށް އެ އިދާރާއިން ބުނެއެވެ. އެއްވެސް ބިނާރަކަށް ގެއްލުން ލިބޭނެ ކަމަށް މި ވަގުތަށް ނުބެލެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ. ޖިޕީއެސުން ބެލިބެލުންތަކާއި ބިމުގެ ފަސްގަނޑަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް، މިއީ ނިސްބަތުން ކުޑަ ގޮވުމެއް ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ރޭކްޔަނެސް ސަރަޙައްދުގައި ކުރާ މަތިންދާ ބޯޓު ދަތުރުތަކަށް އަސަރުކޮށްފައިވާ ކަމަށް ފެނިފައެއް ނުވެއެވެ. ނަމަވެސް އަލިފާން ފަރުބަދަ އޮންނަ ސަރަޙައްދާ މާ ދުރުނޫން ސަރަޙައްދެއްގައި ހުރި ސްޕާއަކާއި ގްރިންޑަވިކް ކިޔާ އަވަށަކުން މީހުން ހުސްކޮށްފައިވާ ކަމަށް އައިސްލޭންޑުގެ އިދާރާތަކުން ބުނެއެވެ.
މީގެ ކުރިން 4،000އެއްހާ މީހުންގެ އާބާދީއެއް އޮތް ގްރިންޑަވިކް އަވަށުގައި މިހާރު ދިރިއުޅެނީ މަދު ޢަދަދެއްގެ މީހުންނެވެ. އެ އަވަށުގެ އާބާދީ ކުޑަވުމަށް މެެދުވެރިވީ، 2023ވަނަ އަހަރުގެ ތެރޭގައި އަލިފާން ފަރުބަދައެއް ގޮވުމުން އެ އަވަށުން މީހުން ހުސްކުރަން ޖެހުމުންނެވެ. އެ އަވަށުގެ ގިނަ ރައްޔިތުން އެ އަވަށް ދޫކޮށް އެހެން ސަރަޙައްދުތަކަށް ހިޖުރަ ކުރީ އެ ސަރަޙައްދާ ހަމައަށް އަލިފާނުގެ ކޯރުތައް ފޯރަފާނެ ކަމުގެ ބިރަށާއި، އަލިފާން ފަރުބަދަތައް ގޮވުމުގެ ކުރިން ބިންހެލުން އައުން ފަދަ ކަންކަމުން ރައްކާތެރިކަން ހޯދުމަށެވެ.