ޚަބަރު

މަނަދޫގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމާ ގުޅޭ މައުލޫމާތު ކައުންސިލާ ހިއްސާކުރައްވައިފި


ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ނ. މަނަދޫގައި ގާއިމުކުރާ ކުޅިވަރު ވަސީލަތްތަކުގެ މައުލޫމާތު އެ ރަށު ކައުންސިލާ ހިއްސާކުރައްވައިފިއެވެ.

އަންގާރަ ދުވަހު ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު ވަނީ މަނަދޫ ކައުންސިލްގެ ރައީސް އާއި ކައުންސިލް މެންބަރުންނާއެކު އެ ދާއިރާގެ މަޖިލީސް މެންބަރު ހުސްނީ މުބާރަކް އާއި ބައްދަލުކުރައްވާ ކައުންސިލުން ބޭނުންވާ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި ކައުސިލުން މައުލޫމާތު ސާފުކުރެއްވި ކަންތައްތަކުގެތެރޭގައި އެރަށު ޒުވާނުންގެ އެންމެބޮޑު އެއް ކަންބޮޑުވުން ކަމަށްވާ މަނަދޫ ފުޓްބޯޅަ ދަނޑުގެ ލައިޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

‎މަނަދޫ ކައުންސިލުން ބުނީ އެ ދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް އެމްޓީސީސީ އާއި ހަވާލުކޮށްގެން ފެށޭނެގޮތް ހައްދަވައި ދެއްވާނެކަމަށް ވަޒީރު ވިދާޅުވިކަމަށެވެ.

މީގެ އިތުރުން ‎ވޮލީކޯޓެއް ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށާއި މިގޮތުން އެމަސައްކަތް ކުރެވޭނެގޮތެއް ހޯދާ އެއްބަސްވުމަކަށް އާދެވެމުންދާކަމަށް ވަޒީރު ވިދާޅުވެފައިވާކަމަަށެވެ.

‎އަދި ކުރީ ސަރުކާރުން މަނަދޫގައި ޤާއިމުކޮށްދިނުމަށް އިޢުލާނުކުރެއްވި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ ޕްރޮޖެކްޓަކީ އިންޑިޔާގެ އެހީގައި ހިންގުމަށް ހަމަޖެހުނު ޕްރޮޖެކްޓެއްކަމަށާ، އެކަން ނުވެ އޮތީ އެޕްރޮޖެކްޓް ހިންގޭވަރަށްވުރެ އެކަމަށް ލިބުނު ގްރާންޓް ކުޑަވުމާއި ގުޅިގެން މަސައްކަތް ނުފެށި ޕްރޮޖެކްޓް ހިންގުމަށް ލިބުނު މުއްދަތު ހަމަވުމާއި ގުޅިގެން ކަމަށް ވަޒީރު ވިދާޅުވިކަމަށް ކައުންސިލުން ބުނެއެވެ.

އެހެން ނަމަވެސް މިހާރު ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ފުރުސަތު ލިބިފައިވާތީ ގްރާންޓަށް ފެތޭގޮތަށް ޕްރޮޖެކްޓް ކުރިއަށް ގެންގޮސް ދެއްވާނެކަމަށް ވަޒީރު ވިދާޅުވެފައިވާކަމަށް މަނަދޫ ކައުންސިލުން ބުނެއެވެ.

‎މީގެ އިތުރުން މަނަދޫގައި އެޅުމަށް ހަމަޖެހިފައިވާ ފިޓްނަސް ރިކްރިއޭޝަން ސެންޓަރގެ މަސައްކަތްވެސް މިހާރު ފެށުމަށް ތައްޔާރުވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވާކަމަށް ކައުންސިލުން ބުނެއެވެ.

‎މަނަދޫގައި ދުވާ ޓްރެކެއް ޤާއިމުކުރުމަށް ބިން ކަނޑައެޅިފައިވާއިރު އެ މަސައްކަތްކުރުމަށްޓަކައި ސްޓަޑީތަކެއް ހެދިފައިވާކަމަށާއި މިއަހަރުގެ ފަހުކޮޅު މަސައްކަތުގެ އެއްބަސްވުމާއި ހަމައަށް ދެވޭތޯ ބަލަމުންދާ ކަމަށް ވަޒީރުވިދާޅުވެފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ.