ރާއްޖޭގެ އިސްލާމީ ކުތުބުޚާނާތަކަށް ބޭނުންވާ ފޮތް ހޯދުމާއި، ފޮތް ހަދިޔާކުރުމަށް ހުޅުވާލައިފިއެވެ. މީގެތެރޭގައި ސަލްމާން މިސްކިތުގައި ހުޅުވި ލައިބްރަރީ އަދި އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކުގައި ހަދާ ލައިބްރަރީތައް ހިމެނެއެވެ.
އެގޮތުން ކިންގް ސަލްމާން މިސްކިތުގައި ޤާއިމުކޮށްފަވާ އިސްލާމީ ކުތުބުޚާނާއަށް ބޭނުންވާ އިސްލާމިކް ފައިނޭންސްގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ފޮތްތައް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.
ފޮތް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 31ވަނަ ދުވަހުގެ 14:00 ގެ ކުރިން، ހަދިޔާ ކުރާ ފޮތުގެ މަޢުލޫމާތު ލައިބްރަރީއަށް މެއިލްކުރުމަށް ވަނީ އެދިފައެވެ. މެއިލްކުރާނީ [email protected] އަށެވެ.
ފޮތް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު ވުޒާރާގެ ފަރާތުން ހަމަޖައްސާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރ.އުނގޫފާރު އިސްލާމިކް ސެންޓަރާއި، ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރާއި، ހއ. ދިއްދޫ އިސްލާމިކް ސެންޓަރު އަދި ފުވައްމުލަކު ސިޓީ ޤުރްއާން ސެންޓަރުގައި ގާއިމުކުރާ ލައިބްރަރީތަކަށް ބޭނުންވާ ފޯތް ހޯދުމަށްވެސް ވަނީ އިޢުލާނުކޮށްފައެވެ. ދިވެހި ބަހުންނާއި، އިނގިރޭސި ބަހުންހުރި އިސްލާމީ، ތަޢުލީމީ، އިޖުތިމާޢީ، އިޤްތިޞާދީ، ކުޑަކުދިންގެ ފޮތްތަކާއި، އަދަބީ ފޮތްތަކާއި، މިނޫންވެސް ދާއިރާތަކުގެ ފޮތްތައް ހޯދަން ވަނީ އިޢުލާނުކޮށްފައެވެ.
ފޮތްތައް ވިއްކަން ބޭނުންވާ ފަރާތްތަކުން ފޮތްތަކުގެ ނަންތަކާއި އަގުތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށައަޅައިގެން އެކަން ކުރިއަށްގެންދެވޭނެއެވެ. ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2025 ޖުލައި 22 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް އެދި ރެޖިސްޓަރ ކުރަން ޖެހޭނެއެވެ. ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ.
ސަލްމާން މިސްކިތުގައި ޤާއިމުކުރި އިސްލާމިކް ލައިބްރަރީ ހުޅުވާފަވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ. އެ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ، ރާއްޖޭގެ ހުރިހާ އިސްލާމީ މަރުކަޒެއްގައި މިއަހަރު ލައިބްރަރީ ޤާއިމުކޮށް ނިންމާނެކަމަށް ވިދާޅުވެފައެވެ.