މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ޗައިނާގެ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަންއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަން މިނިސްޓަރ ސާއޯ ޝޮމިންއެވެ.
މި އެއްބަސްވުމަކީ ބްރޯޑްކާސްޓިންގ އަދި އޯޑިއޯ-ވިޝުއަލް ދާއިރާގައި އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި ދެ ޤައުމުގެ ދެމެދުގައި ކޮށްފައިވާ އެއްބަސްވުމެއްކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން، 2 ޤައުމުން، ބްރޯޑްކާސްޓިންގ އަދި އޯޑިއޯ-ވިޝުއަލް ދާއިރާގައި ހިންގުމާއި، ރެގިއުލޭޓަރީ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ދެ ޤައުމުގެ ތާރީޚާއި ޘަޤާފީ ވަސީލަތްތައް ދިރާސާކޮށް، ޓީވީ ސީރީޒް، އެނިމޭޝަން، ޑޮކިއުމެންޓަރީފަދަ އެކި ބާވަތުގެ އޯޑިއޯ-ވިޝުއަލް ޕްރޮގްރާމްތައް އުފެއްދުމުގައި ޓީވީ ސްޓޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބާރުލުންދޭނެއެވެ.
މި އެއްބަސްވުމުގެ ދަށުން 2 ޤައުމުގެ ބްރޯޑްކާސްޓަރުންނާއި އޯޑިއޯ-ވިޝުއަލް އަދި އައު މީޑިއާ ސްޓޭޝަންތަކަށް ދާއިރާއިން އެހީތެރިވެދީ، ބްރޯޑްކާސްޓިންގ އަދި އޮންލައިން އޯޑިއޯ-ވިޝުއަލް ޓެކްނޮލޮޖީ އާއި، ބްރޯޑްކާސްޓިންގ ޞިނާއަތަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މީޑިއާ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް މަސްނޫއީ ތޫނުފިކަމާއި، އޯޑިއޯ-ވިޝުއަލް މީޑިއާ މެނޭޖްމަންޓް، ޓެކްނޮލޮޖީ އަދި ކޮންޓެންޓް އުފެއްދުން ފަދަ ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތައް އެކުގައި ރާވައި ހިންގުން ހިމެނޭކަމަށް އެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޗައިނާގެ ޝާންޒީ ޕްރޮވިންސްގެ ޒިއާންގައި ކުރިއަށްދާ "ޓެލެވިޜަން ފެސްޓިވަލް" ގެ ތެރެއިންނެވެ. މި ފެސްޓިވަލް ކުރިއަށްދާނީ މިމަހުގެ 15 އިން 17 ގެ ނިޔަލަށެވެ.
މި ޓެލެވިޜަން ފެސްޓިވަލަކީ ބްރޯޑްކާސްޓިންގ، ޓެލެވިޜަން އަދި އޮންލައިން އޯޑިއޯވިޜުއަލް ދާއިރާތަކުގައި ސިޔާސަތުތައް ވިލަރެސްކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، އަދި ސިނާޢީ-ޓެކްނޮލޮޖީގެ އެއްބާރުލުން އިތުރުކުރުމާއި، އެސްސީއޯގެ ކުރިމަގު ޙިއްޞާކުރާ ގާތް މުޖުތަމަޢެއް އުފެއްދުމަށްޓަކައި ކުރިއަށް ގެންދާ ފެސްޓިވަލްއެކެވެ.