ޚަބަރު

އޮޅުހިޔާގެ ޝެލްޓަރބައި ހިންގާނެ ބަޔަކު ހޯދުމަށް އަލުން އިޢުލާންކޮށްފި


  • ބަޔަކު ހޯދަނީ އޮޅުހިޔާގެ ޝެލްޓަރ ބައި 1 އަހަރު ދުވަހަށް ހިނގުމަށް

  • ޕްރޮޕޯސަލް ހުށަހެޅަން ޖެހެނީ ޖުލައި 22 ވަނަ ދުވަހު

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ" ގެ ޝެލްޓަރބައި ހިންގާނެ ބަޔަކު ހޯދުމަށް އަލުން އިޢުލާންކޮށްފިއެވެ.

"އޮޅުހިޔާ"އަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން މި ސަރުކާރުން ގާއިމުކޮށްފައިވާ ތަނެކެވެ. 5000 އަކަ ފޫޓުގެ ބިމެއްގައި ތަރައްގީކޮށްފައިވާ އޮޅުހިޔާ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ.

ޒަމާނީ ފެންވަރަށް ޤާއިމުކޮށްފައިވާ ޕެޓް ކެއަރ ފެސިލިޓީ ނުވަތަ "އޮޅު ހިޔާ" ތަރައްޤީކުރީ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން، މާލެސިޓީ ކައުންސިލާ ޙަވާލުކޮށްގެންނެވެ. ނަމަވެސް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާގޮތަށް މާލެ ސިޓީ ކައުންސިލުން ކަންކަން ކުރިއަށް ނުގެންދާކަމަށް ވިދާޅުވެ، އެ ފެސިލިޓީ އަނބުރާ ވުޒާރާއާ ޙަވާލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އަނގީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހުވަނީ އޮޅުހިޔާ ވުޒާރާއާ ހަވާލުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން އޮޅުހިޔާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއާ ހަވާލުކުރި އިރު ގިނަ ޙިދުމަތްތައް ހުރީ ގާއިމު ނުކޮށެވެ. އެހެންވުމުގެ ސަބަބުން އޮޅުހިޔާއިން ދޭން ޖެހޭ ގިނަ ޙިދުމަތްތަކެއް ވަނީ ހުއްޓިފައެވެ. ދިރޭތަކެއްޗާ ބޭހެ ވުޒާރާއިން މަސައްކަތްކުރަމުންދަނީ އޮޅުހިޔާގެ ހުރިހާ ޙިދުމަތްތަކެއް ޤާއިމުކޮށް ފެސިލިޓީ ހިންގުމަށެވެ.

ދިރޭތަކެއްޗާ ބެހޭ ވުޒާރާއާ ގުޅިގެން އޮޅުހިޔާގެ ޝެލްޓަރބައި ހިނގުމައް މީގެ ކުރިންވެސް އިއުލާންކުރިއެވެ. އެހެންނަމަވެސް މިހާރު އެ އިޢުލާން ބާޠިލްކުރުމަށްފަހު އަލުން މިވަނީ ޢިޢުލާންކޮށްފައެވެ.

އެ ވުޒާރާއިންކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ ހުޅުމާލޭ ފޭސް 2 ގައި އެ ވުޒާރާއިން ގާއިމުކޮށްފައިވާ އޮޅުހިޔާގެ ޝެލްޓަރ ބައި 1 އަހަރު ދުވަހަށް، އެ ވުޒާރާއާ ގުޅިގެން ހިންގާނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ. މައުލޫމާތު ސާފުކުރުން އޮންނާނީ ޖުލައި 16 ވަނަ ދުވަހުގެ 13:00ގައި ކަމަށާއި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ ޖުލައި 22 ވަނަ ދުވަހުގެ 13:00ގައި ކަމަށް ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ"ގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއަކާއި އެ ބުޅާތައް އުޅޭނެ ސަރަހައްދެއްވެސް ވަނީ ހަދާފައިވެއެވެ.