މިދިޔަ ޖޫންމަހު ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް 2.63 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ޖޫންމަހު ލިބިފައިވާ އާމްދަނީއަކީ މިދިޔަ އަހަރުގެ ޖޫން މަހު އެ އިދާރާއަށް ބަލައިގަތް އާމްދަނީއާ އަޅާބަލާއިރު %27 އިތުރުވުމެކެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ އަހަރުގެ ޖޫންމަހު އެ އިދާރާއަށް އާމްދަނީގެ ގޮތުގައި ބަލައިގެންފައިވަނީ 2 ބިލިޔަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ ޖޫން މަހުގެ 2.63 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފައިވާއިރު މިއީ ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޖޫން މަހެއްގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފަހަރެވެ.
މީރާއިން ވިދާޅުވީ މިދިޔަ ޖޫންމަހު މީރާއަށް ލިބުނު އާމްދަނީއަކީ އެމަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 10.4 އިންސައްތަ އިތުރު އަދަދެއްކަމަށެވެ. އަދި އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއެކު ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީވެސް އިތުރުވުމާ ގުޅިގެންނެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ އިތުރުވެފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހާއި އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %13.1 އިތުރުވުމުންނެވެ.
ޖޫން މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި ވަނީ 960.9 މިލިޔަން ރުފިޔާ ލިބިފައެވެ. އަދި އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 634 މިލިޔަން ރުފިޔާ ލިބިފައިވާއިރު ރިސޯޓް ކުލީގެ ޓެކްސްގެ ގޮތުގައި 403.1 މިލިޔަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 163.3 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 133.2 މިލިޔަން ރުފިޔާ އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 133.1 މިލިޔަން ރުފިޔާ މީރާއަށް ވަނީ ލިބިފައެވެ.
މީރާއިން ވިދާޅުވީ މިދިޔަ ޖޫން މަހު އެ އިދާރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 116.7 މިލިޔަން ޑޮލަރު ހިމެނޭކަމަށެވެ.