ޚަބަރު

މެލޭޝިޔާގައި ކިޔަވާ ދަރިވަރުން ދައްކަންޖެހޭ ޓެކްސް ފައިސާ އެ ދަރިވަރުންގެ ލޯނުގެ ތެރެއަށް އިތުރުކުރަނީ


  • މެލޭޝިއާގައި ކިޔަވާ ބޭރު ދަރިވަރުންގެ އަތުން ނަގަނީ %6 ގެ ޓެކުހެއް

  • ޓެކްސް ދައްކަންޖެހޭ ދަރިވަރުން ވުޒާރާއަށް އީމެއިލް ކުރެއްވުމަށް ވަނީ އެދިވަޑައިގެންފައި

މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުން ދައްކަންޖެހޭ ޓެކްސް ފައިސާ އެ ދަރިވަރުންގެ ލޯނުގެ ތެރެއަށް އިތުރުކުރަން ސަރުކާރުން ނިންމަވައިފިއެވެ.

މެލޭޝިއާގެ ސޭލްސް އެންޑް ޓެކްސްގެ ޤާނޫނަށް ގެނައި ބަދަލުގައި ވަނީ މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން %6 ގެ ޓެކުހެއް ނެގުމަށް ނިންމާފައެވެ. އަދި 1 ޖުލައިން ފެށިގެން މިކަމަށް ޢަމަލުކުރަން ފެށުމަށް އެ ޤައުމުން ވަނީ ނިންމާފައެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، އެ ވުޒާރާއިން ހަމަޖައްސަވާފައިވާ ސްކޮލަޝިޕްތަކުގެ ދަށުން މެލޭޝިޔާގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން ޓެކްސް ދެއްކުމަށް ލާޒިމުވާ ދަރިވަރުންނަށް، އެ ދަރިވަރުން ކިޔަވަމުންދާ މަރުކަޒުތަކުން ވުޒާރާއަށް ފޮނުވާ އިންވޮއިސްގައި ޓެކްސްގެ އަދަދު ހިމަނައިގެން، މިހާރުވެސް ފައިސާ ދައްކަމުންދާ އުސޫލުން ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖައްސަވާފައިވާކަމަށެވެ.

މީގެ އިތުރުން، ވުޒާރާއިން ދޫކުރައްވާ މަތީ ތަޢުލީމާއި ތަމްރީނަށް ދެއްވާ ލޯނު އެހީގެ ދަށުން މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ޓެކްސް ދެއްކުމަށް ލާޒިމުވާ ދަރިވަރުންނަށް، އެ ދަރިވަރެއްގެ އެދުމުގެ މަތިން ޓެކްސްގެ އަދަދު ލޯނުގެ ތެރެއަށް އިތުރުކޮށްދިނުމަށް ނިންމަވާފައިވާކަމަށްވެސް އެވުޒާރާއިން މައުލޫމާތުދެއްވައެވެ.

މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ވަނީ، ކޯހުގެ ފީގެ ގޮތުގައި 60,000 މެލޭޝިއަން ރިންގިޓަށްވުރެ ބޮޑު އަދަދެއް ދައްކަވަންޖެހޭ ދަރިވަރުން، ވުޒާރާއަށް އީމެއިލް ކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ލިންކުން ފޯމު ފުރިހަމަކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ބޭރުގެ ދަރިވަރުން ދައްކަން ޖެހޭ އައު ޓެކުހެއް މެލޭޝިޔާގެ ސަރުކާރުން ތަޢާރަފުކޮށްފައި މިވަނީ، އެ ޤައުމުގެ މާލީ ހާލަތު ހަރުދަނާކޮށް، ޓެކްސް ނެގޭ ދާއިރާތައް ފުޅާކޮށް، ދަޢުލަތުގެ އާމްދަނީ އިތުރު ކުރުމަށްކަމަށް އެ ޤައުމުގެ މާލީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި، ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް ޚާއްސަކޮށް އެސްއެސްޓީ ނެގޭ ދާއިރާތައް ފުޅާކޮށްފައި ވަނީ، މެލޭޝިޔާގެ ރައްޔިތުންނަށް ބުރަ ކުޑަކުރުމަށް ކަމަށް މެލޭޝިއާގެ މާލީ ވުޒާރާއިން ބުނެއެވެ.

މެލޭޝިއާ ސަރުކާރުގެ ނިންމުމުގައި ބުނެފައިވާގޮތުން، މި ޓެކްސް ނެގުމަށް ނިންމާފައިވަނީ މެލޭޝިއާގައި ޕްރައިވެޓް އެޑިއުކޭޝަން ސިސްޓަމުގައި ކިޔަވާ ހުރިހާ ބޭރު ދަރިވަރުންގެ އަތުންނެވެ. މީގެތެރޭގައި ޕްރީސްކޫލް، ސްކޫލް، ކޮލެޖު، ޔުނިވަރސީޓީތައް އަދި ލެންގްއޭޖް ސެންޓަރުތަކުގައި ކިޔަވާ ބޭރުގެ ދަރިވަރުންވެސް ހިމެނެއެވެ. މި ޓެކްސް ނަގާނީ ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 މެލޭޝިއަން ރިންގިޓް ޚަރަދުކުރާ ދަރިވަރުންގެ އަތުންނެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ އަހަރަކު 2 ލައްކަ 18 ހާސް ރުފިޔާ ޚަރަދުކުރާ ކުދިންގެ އަތުންނެވެ.