ބިދޭސީން ހިންގާ ވިޔަފާރިތަކެއް ބަލައިފާސްކޮށް ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 31 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ އިމިގްރޭޝަންގެ ޓާސްކްފޯސްއަށް ގިނަ އަދަދަކަށް ރިޕޯޓު ލިބިފައިވާ، މާލޭގެ ދިލްބަހާރުމަގުގައި ބިދޭސީންގެ ނުފޫޒު ބޮޑުކަމަށް ބެލެވޭ ވިޔަފާރިތައް ހިންގާ ތަންތަން ބުދަދުވަހު ބަލައިފާސްކޮށްފައިވާކަމަށެވެ.
މިއޮޕަރޭޝަންގެ ތެރޭގައިވަނީ އެ ތަންތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިއަ 31 ބިދޭސީންއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ މަޤުޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. އަދި ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންތަކުގެ މަޤުޞަދެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އިމިގްރޭޝަނުން ދަނީ ސައްޙަ ވިސާނެތި، ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށް ވެސް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ.
އެގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކުރެވޭ މަސައްކަތުގެ ދަށުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 2022 މީހުން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި 17 ނޮވެމްބަރ 2023 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 7635 މީހުން ޑީޕޯޓްކޮށްލާފައިވާކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.