ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އަނެއްކާ ވެސް ލުބްނާނަށް ބޮން އަޅައި ތިން މީހުން ޝަހީދު ކޮށްލައިފިއެވެ. ލުބްނާންގެ އުތުރުގައިވާ ޠަރާބުލުސްގައި ދަތުރު ކުރަމުން ދިޔަ އެއްގަމު އުޅަނދަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި އިތުރު 13 މީހުން ޒަޚަމު ކޮށްލާފައިވާ ކަން ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. މިއީ، 2024ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އަމަލު ކުރަމުންދާ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ދީފައިވާ ނިރުބަވެރި ޙަމަލާއެކެވެ.
ޔަހޫދީ ފައުޖުން ޠަރާބުލުސްގެ ޢަޔިރޫނިއްޔާ ސަރަޙައްދަށް ޙަމަލާ ދީފައި މި ވަނީ، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ފުޅާ ކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. ޢަޔިރޫނިއްޔާއަކީ އިސްރާއީލްގެ ސަރަޙައްދީ ރޮނގާ 180 ކިލޯމީޓަރު ދުރުގައި އޮތް ސަރަޙައްދެކެވެ.
ޔަހޫދީ ފައުޖުން ބުނީ، އެ ޙަަމަލާތައް އަމާޒުކޮށްފައި ވަނީ ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލަކަށް ކަމުގައެވެ. ނަމަވެސް، ޙަމާސުން ވަނީ، ޔަހޫދީންގެ ޙަމަލާތަކުގައި އެ ޖަމާޢަތުގެ އިސް އޮފިޝަލަކު ޝަހީދު ކޮށްލާފައިވާ ކަން ދޮގުކޮށްފައެވެ. ލުބްނާންގައި ދިރިއުޅޭ ޙަމާސްގެ އިސް އޮފިޝަލުންނަށް ޔަހޫދީން މީގެ ކުރިން ވެސް ޙަމަލާ ދީފައިވެއެވެ. މި ގޮތުން، 2024ވަނަ އަހަރުގެ ކުރީކޮޅު ޔަހޫދީ ފައުޖުން ވަނީ ނިރުބަވެރި ޙަމަލާއެއްދީ، ޙަމާސްގެ ވެރިޔާގެ ނައިބެއް ކަމުގައިވާ ޞާލިޙް އަލް-ޢާރޫރީ ޝަހީދު ކޮށްލާފައެވެ. އޭނާ ޝަހީދު ކޮށްލުމަށް ޔަހޫދީން ޙަމަލާ ދީފައި ވަނީ ވެރިރަށް ބައިރޫތުގައި ގިނަ އަދަދެއްގެ ޢާންމުން ދިރިއުޅޭ ސަރަޙައްދަކަށެވެ.
ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފެށީ، 2023ވަނަ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ފެށުމާ ގުޅިގެންނެވެ. 2024ވަނަ އަހަރުގެ ނޮވެންބަރު މަހު، ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވުމެއް އެކުލަވައިލާފައިވީ ނަމަވެސް ޔަހޫދީން ދަނީ އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ. އަދި، ލުބްނާންގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ދެމުންދާ ނިރުބަވެރި ޙަމަލާތައް މެދުކަނޑައިލާފައެއް ނެތެވެ.
ޖުލައި 8ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ދެކުނުގައި އޮތް ދީރް ކީފާއަށް ޙަމަލާ ދީފައެވެ. އެއްގަމު އުޅަނދަކަށް އަމާޒުކޮށް ދީފައިވާ އެ ޙަމަލާގައި އެކަކު ޝަހީދު ކޮށްލާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޙަމަލާތައް ދީފައި މި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު، ތޮމަސް ބަރާކް ބައިރޫތަށް ދަތުރުފުޅެއް ކުރައްވަމުން ގެންދެވި ދަނޑިވަޅެއްގައެވެ. އޭނާގެ ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ހަތިޔާރު ބެހެއްޓުމަށް ޙިޒްބުاللهއަށް ބާރު އެޅުއްވުމެވެ.
ނަމަވެސް، ޙިޒްބުاللهން ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. އެ ޖަމާޢަތުގެ ވެރިޔާ ނަޢީމް ޤާސިމް ވިދާޅުވީ، ލުބްނާންގެ ރަށްތަކަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެ ރަށްތަކުން ފޭބުމަށް އިންކާރު ކުރަމުންދާ ނަމަ، ހަތިޔާރު ބެހެއްޓުމަށް އެ ޖަމާޢަތުން އެއްބަސްނުވާނެ ކަމުގައެވެ. ލުބްނާންގެ ދެކުނުގެ ރަށްތަކުގައި ޔަހޫދީ ސިފައިން ހަރަކާތްތެރިވަމުން ދަނީ ވެސް އެއްބަސްވުމާ ޚިލާފަށް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.