ޚަބަރު

ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި 69 ފަރާތަކުން ހުށަހަޅައިފި


  • 21 ފަރާތަކާއެކު ސޮއިކޮށް ލޯނު ދޫކުރަން ވަނީ ފަށާފައި

  • ކްރެޑިޓް ހިސްޓްރީ މިންގަނޑު 1 އަހަރުން 3 މަސް ދުވަހަށް ވަނީ ކުޑަކޮށްފައި

މަސް ދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމަށް ދޫކުރާ ލޯނަށް އެދި މިހާތަނަށް 69 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ހުޅުވާލާފައިވާ ލޯނަށް އެދުމަށް މި ސަރުކާރުން ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އެހެންނަމަވެސް އިތުރު ލުއިތަކާއެކު އަލުން ވަނީ މި ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މިހާރު އަލަށް ބަންނަ ދޯނިތަކުގައިވެސް އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ލޯނަށް އެދި ހުށައެޅޭނެއެވެ.

މިލޯނުގެ މަޤުޞަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާޢިމުކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ހިންގާ ލޯނު ޕްރޮގްރާމެކެވެ. އަދި މަސްވެރިން ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަވަގުތު ހޭދަކުރެވޭގޮތް މެދުވެރިކޮށްދީ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވެ ދިނުމަކީވެސް މީގެ މަޤްޞަދެކެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ ލޮނުފެނުން މަސްފިނިކުރާ ނިޒާމު ޤާއިމްކުރުމަށް ގިނަ ދޯނިތަކަކުން އެދެމުންދާކަމަށެވެ. އެގޮތުން އިތުރު ލުއިތަކާއެކު ލޯނަށް ހުޅުވާލި ފަހުން މިހާތަނަށް 69 ފަރާތަކުން ލޯނަށް އެދި ހުށައަޅާފައިވާކަމަށެވެ. މީގެތެރެއިން 21 ފަރާތަކާއެކު ލޯނު ދިނުމަށް ސޮއިކޮށް ލޯނު ދޫކުރަން ފަށާފައިވާކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ލޮނުފެނުން މަސްފިނިކުރާ ނިޒާމު ޤާއިމުކޮށް، މަސްވެރިކަމުގެ ފުރިހަމަ ނަފާ މަސްވެރިންނަށް ލިބޭނެގޮތް އިތުރަށް މަގުފަހި ކުރުމަށްޓަކައި، އާރްއެސްޑަބްލިއު ފައިނޭންސިންގ ފެސިލިޓީއަށް އެދި ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް ލުއިކޮށްފައެވެ.

އެގޮތުން ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމަށް ބަލާ ކްރެޑިޓް ހިސްޓްރީ މިންގަނޑު 3 މަސް ދުވަހަށް ވަނީ ކުޑަކޮށްފައެވެ. މީގެ ކުރިން މި މުއްދަތު ބަލަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނުގެ ދަށުން ރަހުނަކާއި ނުލައި 100،000 (އެއް ލައްކަ) ރުފިޔާއިން ފެށިގެން 2،000،000 (ދެމިލިޔަން) ރުފިޔާއާ ހަމައަށް ލޯނުދޫކުރެއެވެ. މީގެކުރިން ހުޅުވާލި ފުރުސަތުތަކާއި ޚިލާފަށް އަލުން ހުޅުވާލި ފުރުސަތުގެ ދަށުން، ދޯނިތަކުގައި އަވިން ހަކަތަ އުފެއްދޭ ސޯލާ ނިޒާމާއި ޖެނެރޭޓަރު ގަތުމަށް ފުރުސަތުވެސް ދެއެވެ. މިއާއެކު ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު، 10 އަހަރު ލިބޭނެއެވެ.