ޚަބަރު

ނަފްސާނީ އެހީގެ ހެލްޕް ލައިންގެ ޚިދުމަތް މިއަހަރުގެ މިހާތަނަށް 5000 އަށްވުރެ ގިނަ މީހުން ހޯދައިފި


  • މިއީ 24 ގަޑިއިރު ޚިދުމަތް ދޭ ހެލްޕް ލައިނެއް

  • ބަލި ތަޙައްމަލު ކުރަމުންދާ ކޮންމެ މީހަކަށްވެސް ޚިދުމަތް ލިބޭނެ

ނަފްސާނީ ބަލި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ހެލްޕް ލައިންގެ ޚިދުމަތް މިއަހަރުގެ މިހާތަނަށް 5000 އަށްވުރެ ގިނަ މީހުން ހޯދާފައިވާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ޤައުމީ ހެލްޕް ލައިން އިފްތިތާޙްކޮށްފައިވަނީ 21 ފެބުރުއަރީ 2024 ގައެވެ. ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ފުރަތަމަ އެހީ ހޯދުމަށް ގުޅޭނެ ޤައުމީ ނަންބަރަކީ 1677 އެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ، މިހެލްޕް ލައިންގެ ޚިދުމަތް 2024 ގައި 2576 މީހުން ހޯދާފައިވާކަމަށެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީން ފެށިގެން 5 ޖުލައިގެ ނިޔަލަށް 5820 މީހުން ހެލްޕް ލައިންގެ ޚިދުމަތް ހޯދާފައިވާކަމަށް ވެސް ސިއްޙީ ވުޒާރާއިން ވިދާޅުވިއެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ ހެލްޕް ލައިނަށް ގުޅާ ކޯލުތަކުގެ ތެރޭގައި ނަފްސާނީ ސިއްޙަތުގެ ޚިދުމަތް ލިބެން ހުންނަ ތަންތަނާއި ސިއްޙަތާ ގުޅުން ހުރި މައުލޫމާތު ސާފުކުރުމަށް ގުޅާ ކޯލްތަކާއި، ނަފްސާނީ އެހީތެރިކަން ބޭނުންވެގެން ގުޅާ ކޯލްތަކާއި، ކްރައިސިސް ހާލަތުގައި ގުޅާ ކޯލްތަކާއި، ފޮލޯއަޕް އަދި ރެފެރަލް ހެދުމަށް ގުޅާ ކޯލްތައް ހިމެނޭ ކަމަށެވެ.

ނަފްސާނީ ސިއްޙަތުގެ ހެލްޕް ލައިންގެ އަމާޒަކީ ނަފްސާނީ ހާލަތެއް ނުވަތަ އުނދަގޫތައް ތަޙައްމަލުކުރަމުންދާ އެކި އުމުރުފުރައިގެ މީހުންނަށް ކޮންމެ ގަޑިއެއްގައިވެސް ގުޅާ އެ ޚިދުމަތް ފޯރުކޮށްދިނުމެވެ. 1677 އަކީ 24 ގަޑިއިރު ޚިދުމަތް ދޭނެ ނަންބަރެއްކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

މި ނަންބަރުން ނަފްސާނީ ސިއްޙަތުގެ ފުރަތަމަ އެހީގެ އިތުރުން މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެދިފައިވާ އުޞޫލުގެ ތެރެއިން ގުޅުން ހުރި ޚިދުމަތްތަކަށް ރިފަރަލް ހެދޭނެކަމަށްވެސް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.