ޚަބަރު

މަޑުލު ވަޙީދަކީ ދެވަނައެއް ނެތް ޝަޚުސެއް، އޮއްސުނީ އަގުހުރި ތަރިއެއް: ވަޒީރު އާދަމް ނަސީރު


  • މަޑުލު ވަހީދުގެ ހަނދާނުގައިވަނީ ތަޢުބީނުގެ ޖަލްސާއެއް ބާއްވާފައި

  • ޚިދުމަތުގެ ހަނދާންތައް އައުކުރެއްވި

  • އާއިލާއާއި ގާތް ބޭފުޅުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި

މަޑުލު މުޙައްމަދު ވަޙީދު ކޮށްދެއްވާފައިވާ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާން އައުކުރެއްވުމަށް ތަޢުބީނުގެ ޖަލްސާއެއް ބާއްވައިފިއެވެ. ބަހުގެ އެކި ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޑުލު މުޙައްމަދު ވަހީދު އަވަހާރަވީ މިއަހަރުގެ އޭޕްރިލް މަހުގެ 14ވަނަ ދުވަހުއެވެ.

މަޑުލު މުޙައްމަދު ވަހީދުގެ ހަނދާނުގައި ބޭއްވި ތަޢުބީންގެ ޖަލްސާގައި މަޑުލު މުޙައްމަދު ވަހީދުގެ އާއިލާގެ ބޭފުޅުންނާއި އެކުގައި މަސައްކަތްކުރެއްވި ބޭފުޅުންނާއި ގާތް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މަޑުލު މުޙައްމަދު ވަޙީދުވަނީ ބަހުގެ އެކިއެކި ދާއިރާތަކުން 60 އަހަރުގެ މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. 1966ވަނަ އަހަރު ރަސްމީ ގޮތުން މަސައްކަތްތައް ފެއްޓެވީ ވުޒާރަތުއް ތިޖާރާގެ އިނގިރޭސި ކާތިބުގެ ވަޒީފާއާއެކުއެވެ. އޭރުވެސް ނުރަސްމީގޮތުން ތަޢުލީމީ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރެއްވިއެވެ. 1993ވަނަ އަހަރު ޤައުމީ މަރުކަޒުގެ ޚާއްސަ މުޝީރުކަން ކުރެއްވިއެވެ. މީގެއިތުރުން ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒާއި ދިވެހި ބަހުގެ އެކެޑަމީގެ އިސް މަޤާމުތައް ފުރުއްވިއެވެ.

ތަޢުބީނުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އައްބާސް އިބްރާޙިމް ވިދާޅުވީ މަޑުލު މުޙައްމަދު ވަހީދުގެ ކޮންމެ ޚިދުމަތަކީ އޭގެ އަސަރު މުޖުތަމަޢަށް ކޮށްފައިވާ އަދި އޭގެ ހެޔޮ އަސަރު އެތައް އަހަރުތަކަކަށް ދެމިގެންދާނެ މަސައްކަތެއްކަމަށެވެ. މަޑުލުވަހީދުގެ ޚިދުމަތްތަކުގެ ތެރޭގައި ރޭޑިއޯ އަދި ނޫސްތަކަށް ޚަބަރު ލިޔުމާއި، އެކިކަހަލަ އިބުރަތްތެރި ވާހަކަތައް ލިޔުމާއި، އަދި މީހުންނަށް އުނގަންނައިދިނުމުގައި އަގުނުކުރެވޭ އެތައް މަސައްކަތްތަކެއް ކުރެއްވިކަމަށް ވިދާޅުވިއެވެ. މަޑުލު ވަހީދުގެ ފާހަގަކޮށްލެވޭ ޚިދުމަތްތަކުގެ ތެރޭގައި ދިވެހި ޓައިޕް ރައިޓަރުގެ އަކުރުތައް ތަރުތީބުކުރުމުގެ ބުރަ މަސައްކަތް އައްބާސް އިބްރާޙިމް ފާހަގަކުރެއްވިއެވެ.

"ކީބޯޑުގައި އަކުރު ތަރުތީބު ކުރާނެ ގޮތް ދިރާސާކުރެއްވުމަށް ނެންގެވި އެއް ބޭފުޅެއް އެއީ. އެންމެ ގިނައިން ބޭނުންކުރާ އަކުރުތަކާއި ފިލި، ދިރާސާކޮށް ކީބޯޑުގައި ތަރުތީބުކުރާނެ ގޮތްތައް ދިރާސާކުރެއްވި. މިއަދުގެ ދިވެހި ލިޔާ ބޯޑުތަކުގައި މީގެ ގިނަ މަސައްކަތްތައް އެބަހުރި." ނޢޢވ.އައްބާސް އިބްރާޙިމް ވިދާޅުވިއެވެ.

ދިވެހިބަހާ ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާޙިމް ވިދާޅުވީ، މަޑުލު ވަހީދަކީ އަދަބީ ދުނިޔޭގައި އަލިގަދަ ވިދާ ތަރިއެއްކަމަށެވެ. އަދި މިއީ ކުރެއްވި ކޮންމެ މަސައްކަތެއްގައި، ނަމޫނާ ދެއްކެވި ލާމަސީލު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށެވެ. ވަޒީރު ވިދާޅުވީ މިއީ އާދަޔާ ޚިލާފް ޝަހުސިއްޔަތެއްކަމަށާއި އެ ޝަޙުސެއްގެ މަތިން އަބަދުމެ ހަނދާންކުރާނެ ޝަހުސެއްކަމަށެވެ.

"އަދީބުން ލިޔުންތެރިން ތަރުޖަމާކުރާ މީހުން ކޮންމެ ޒަމާނެއްގައި ތިބޭނެ. އެކަމަކު ވަކި ޝަހުސިއްޔަތެއްގެ ނަން ކަނޑައެޅި އެ ޝަޚުސިއްޔަތު ވަކިވީމަ އެ ވަކިވީ. ޝަހުސީ، އަޚުލާގީ، ފަރުވާތެރިވުން ޒިންމާދާރުވުމުގެ ސިފަ، އެ ނާދިރުކަން އެ ގެއްލި ދިޔައީ. މިއީ އިއާދަނުކުރެވޭނެ ހުސްކަމެއް." ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާޙިމް ވިދާޅުވިއެވެ.

ދިވެހިބަހާއި ސަޤާފަތުގެ ދާއިރާއިން ކުރެއްވި ޤައުމީ ޚިދުމަތްތަކަށް، ޤައުމީ އިނާމާއި ހިތްވަރުދިނުމުގެ އިނާމު މަޑުލު ވަޙީދަށް ލިބިވަޑައިގެންނެވިއެވެ.

މި ޖަލްސާގައި މަޑުލު މުޙައްމަދު ވަހީދާ އެކުގައި މަސައްކަތްކުރެއްވި ބޭފުޅުންނާއި ގާތް އެކުވެރިންވަނީ އެމީހުންގެ ޝުޢޫރު ފާޅުކުރައްވާފައެވެ.

"އެއީ ދެވަނައެއް ނުވާނެ ބޭފުޅެއް. އެތައް ކަމެއް އުނގަންނަވައިދެއްވިއިރު، އެއީ ކޮންމެ މީހެއްގެ ގާތް އެކުވެރިއެއް. ވަކި ކޮޅަކަށް ނުޖެހި އިންސާފަށް މަސައްކަތްކުރެއްވި ބޭފުޅެއް." މަޑުލު ވަޙީދާއެކު މަސައްކަތްކުރެއްވި ބޭފުޅުން އަދި ރަޙުމަތްތެރިން ފާހަގަކުރިއެވެ.

ތަޢުބީނުގެ ޖަލްސާގައިވަނީ މަޑުލު މުޙައްމަދު ވަހީދުގެ ތަޢުޒިޔާގެ ދަފުތަރު އާއިލާއާ ހަވާލުކުރައްވާފައެވެ. މިތަޢުޒިޔާގެ ދަފުތަރާ އާއިލާގެ ފަރާތުން ހަވާލުވެލެއްވީ އަނބިކަނބަލުން ޙަބީބާ މުޙައްމަދުއެވެ.

މީގެއިތުރުން މަޑުލު މުޙައްމަދު ވަހީދުގެ ހަނދާނުގައި "އަޅުގަނޑުމެންގެ މަޑުލު ވަހީދު"ގެ ނަމުގައި ފޮތެއްވަނީ ނެރުއްވާފައެވެ. އަދި މަޑުލު މުޙައްމަދު ވަހީދުގެ ޚިދުމަތުގެ މައްޗަށް ހަދާފައިވާ ޚާއްސަ ވީޑިއޯ ރިޕޯޓަކާއި، ޅެމެއްވެސް މިޖަލްސާގައިވަނީ ހުށައަޅާފައެވެ.