ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަނުގެ ތިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ މަގާމަށް ކުރިމަތިލާން ހުޅުވާލާ ކަމަށެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ، މި މަހުގެ 20 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
ސިވިލް ސަރވިސް ކޮމިޝަނަށް ކުރިމަތިލާ ފަރާތަކަކީ އުމުރުން 30 އަހަރުވެފައިވާ ދިވެހި ރައްޔިތަކަށް ވާންޖެހޭނެއެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ އަދި ޖިނާއީ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ޝަރީޢަތަށް ސާބިތުވެފައިވާ މީހަކަށް މި މަގާމަށް ކުރިމަތިނުލެވޭނެއެވެ.
ޤާނޫނުއަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ މަޤާމެއް ފުރަމުންދާ އަދި އެއްވެސް އެހެން ވަޒީފާއެއް އަދާކުރާ މީހަކަށްވެސް ސިވިލް ސަރވިސް ކޮމިޝަނަށް ކުރިމަތިނުލެވޭނެއެވެ. ފުރަތަމަ ޑިގްރީއެއް ހާސިލުކުރުމަށްފަހު، ހިންގުމުގެ ދާއިރާއިން މަދުވެގެން 10 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުމަކީވެސް މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތެކެވެ.
ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރައްވަނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަންތައް ދިރާސާކޮށް، ފާސްވުމަށްފަހު ރައީސުލްޖުމްޙޫރިއްޔާއެވެ. މި މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ 5 އަހަރުގެ މުއްދަތަކަށެވެ.
އެ ކޮމިޝަނުގައި މިހާރު 5 މެންބަރުން ތިއްބަވައެވެ. އެއީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހާއި ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛް މުޙައްމަދު މުޖްތާޒާއި ކޮމިޝަނުގެ މެންބަރުން ކަމަށްވާ މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފާއި ފާތިމަތު ހަބީބާއެވެ. މީގެ ތެރެއިން މަޤާމުގެ މުއްދަތު ހަމަވަނީ ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހާއި މެންބަރުން ކަމަށްވާ މުޙައްމަދު ފަރުޞަތާއި ފާތިމަތު ޝަރީފްގެއެވެ.
މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދެއްވާފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް އެ އޮފީހުން ވިދާޅުވެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.