ޚަބަރު

ޙޫޘީންގެ މިސައިލް ހަމަލާތަކާ އެކު ޔަހޫދީންގެ މައި ވައިގެ ބަނދަރު ބަންދުކޮށްފި


ފަލަސްޠީނުގެ ޣައްޒާގައި ޔަހުދީންގެ ނިރުބަވެރި ދަޢުލަތުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުތަކުގެ ރައްދުގައި، ޔަމަނުގެ ޙޫޡީން ދިން މިސައިލް ޙަމަލާތަކާ ގުޅިގެން، ޔަހޫދީންގެ މައި ވައިގެ ބަނދަރު ބަންދުކޮށް، ވައިގެ ދަތުރުފަތުރު ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މީޑއާ ރިޕޯތުތައް ބުނީ ޔަހޫދީންގެ މައި ވައިގެ ބަނދަރު، ބެން ގުރިއޮން އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒު ކޮށް ޙޫޘީން ދިން ބެލިސްޓިކް މިސައިލް ޙަމަލާތަކާ ގުޅިގެން، އެ އެއަރޕޯޓު ބަންދުކޮށް، އުދުހުންތައް މެދުކަނޑާލާފައިވާ ކަމަށެވެ.

ނަމަވެސް، އެ ޙަމަލާތަކުގައި އެ އެއަރޕޯޓަށް އަދި މީހަކަށް ވެސް ގެއްލުމެއް ލިބުނު ކަމެއް އަދި ސާފެއް ނޫނެވެ.

ޔަހޫދީންގެ ނިރުބަވެރި ފައުޖުން ނެރުނު ބަޔާނެއްގައި ބުނީ، ޔަމަނުން ފޮނުވައިލި މިސައިލްތައް، ދިފާޢީ ނިޒާމުން ވައްޓާލާފައިވާ ކަމަށެވެ.

މި ޙަމަލާތައް ދީފައިމިވަނީ، މީގެ ހަފްތާއެއްހާ ދުވަސް ކުރިން، ބެން ގުރިއޮން އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒު ކޮށް ފޮނުވައިލި ބެލިސްޓިކް މިސައިލްތަކުގެ ޒިންމާ، ޔަމަނުގެ އަސްކަރިއްޔާއިން ނަގާފައިވަނިކޮށެވެ.

ޔަމަނުގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ޔަހްޔާ ސާރީ ވިދާޅުވީ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެން ޓެލް އަވީވްގެ ބެން ގުރިއޮން އެއާޕޯޓަށް އަމާޒުކޮށްގެން ޙާއްސަ އަސްކަރީ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އަދި "ކާމިޔާބު" ޙަމަލާތަކުގެ ސަބަބުން، އެ އެއަރޕޯޓުގެ އުދުހުންތަކަށް ބުރޫއަރުވާލެވުނުކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ޑްރޯން ބޭނުންކޮށްގެން، ޔަހޫދީންގެ މުހިންމު އެހެން ސަރަޙައްދުތަކަށް އަމާޒުކޮށް ޙަމަލާތައް ދީފައިވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުުރުމަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް ދޭން ބޭނުންކުރާ ހަތިޔާރު ކަނޑާއި ވައިގެ މަގުން ލިބުމަށް ހުރަސްއެޅުމަށްޓަކައި ޔަމަނުން ދަނީ ވަރަށް ރޭވުންތެރިކަމާ އެކު ޙަމަލާތައް ދެމުންނެވެ.

މި ޙަމަލާތަކުގެ ބޭނުމަކީ، ޣައްޒާއަށް މިހާރު ކުރިމަތިކުރުވުފައި އޮތް ނިކަމެތި ޙާލަތަށް މުޅި ދުނިޔޭގެ ލޯހުޅުވައިދީ، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތު ހުއްޓުވަން އިތުރަށް މަސައްކަތް ކުރުމަށް ބާރުއެޅުން ކަމަށް ޔަމަނުން ދަނީ ބުނަމުންނެވެ.

އަދި ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތައް ނުހުއްޓާހާ ހިނދަކު، އިސްރާއީލަށް ޙަމަލާތައް ދެމުންދާނެކަމުގެ އިންޒާރު ޔަމަނުގެ އަސްކަރިއްޔާއިން ވަނީ ދީފައެވެ.