ޚަބަރު

ޗައިނާއިން ރާއްޖެއަށް 144،173 ފަތުރުވެރިން، މިއީ %17.5ގެ ކުރިއެރުމެއް


  • ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ޤައުމު

  • މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް އައިސްފައިވަނީ 122,608 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 140،000އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޗައިނާއަކީ މިވަގުތު ރާއްޖޭގެ ފަތުރުވެރިކަމުގެ 1 ވަނަ މާކެޓެވެ. އަދި ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އެންމެ ފުރަތަމަ ޤައުމަކީވެސް ޗައިނާއެވެ.

މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 144،173 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 17.5 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް އައިސްފައިވަނީ 122,608 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތަކަށް ދަނީ ކުރިއެރުން އަންނަމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ މުޅި ޖުމްލަ 1،119،182 ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1،025،296 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 9.2 އިންސައްތަ އިތުރުވުމެކެވެ.

މިދިޔަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އަދި 2023 ވަނަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް 3 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.

ޗައިނާގެ އިތުރުން ފަތުރުވެރިންގެ އަދަދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވާ ޤައުމުތަކަކީ ރަޝިޔާ އަދި އިނގިރޭސިވިލާތެވެ. އެގޮތުން މި ޤައުމުތަކުން ރާއްޖެއަށް ވަނީ 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރި 5 ޤައުމު:

ޗައިނާ – 144،173 ފަތުރުވެރިން
ރަޝިއާ – 128،431 ފަތުރުވެރިން
އިނގިރޭސިވިލާތު – 109،132 ފަތުރުވެރިން
އިޓަލީވިލާތު – 87،215 ފަތުރުވެރިން
ޖަރުމަންވިލާތު – 82،676 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ %72.4 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ %22.5 ފަތުރުވެރިންނެވެ. އަދި %2.2 ފަތުރުވެރިންނާއިއެކު 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ހޮޓެލްތަކުގައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަހަރަށް އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.1 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު ވީއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމާއިއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.