ޚަބަރު

ހުމާއި ރޯގާއިން ސަލާމަތްވުމަށް އާންމު ސާފުތާހިރުކަމަށް އިސްކަންދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު


  • ބަލީގެ އަލާމާތްތައް ހުރިނަަމަ މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިއުމަކީ މުހިންމު ކަމެއް

  • އެންމެ ބޮޑަށް ބަލި ފެތުރެނީ އަލާމާތްތައް ފެންނަތާ 4-3 ދުވަސް ތެރޭގައި

މި ދުވަސްކޮޅު އިންފުލުއެންޒާއާއި، ވައިރަލް ރޯގާތައް މާލޭ ސަރަޙައްދުގައި އިތުރުވަމުންދާތީ، އާންމުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަރިދަފުސް ރޯގާއާއި އިންފްލުއެންޒާފަދަ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް، ދުރާލާ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެކެވެ.

އަރިދަފުސް ރޯގާއާއި އިންފުލުއެންޒާގެ އަލާމާތްތައް އެއްގޮތްވި ނަމަވެސް މިއީ ތަފާތު 2 ވައިރަސްއަކުން ޖެހޭ ބައްޔެއްކެވެ. އެހެން ނަމަވެސް އާދައިގެ ރޯގާއަށްވުރެ އިންފުލުއެންޒާ ޖެހުމުން ބަލީގައި ބޮޑުވަރުވުމުގެ ފުރުޞަތު ބޮޑުކަން ޞިއްޙީ މާހިރުން ފާހަގަކުރައްވަފައެވެ.

އާންމު ގޮތެއްގައި ބަލިޖެހުމަށްފަހު އޭގެ އަލާމާތް ފެންނަން ފެށުމުގެ 1 ދުވަސްކުރިން ފެށިގެން އަލާމާތްތައް ފެންނަން ގާތްގަނޑަކަށް 7-5 ދުވަސް ނަގައެވެ. އަދި ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ފަރާތުން މިއަށްވުރެ ގިނަ ދުވަސްވަންދެން ބަލި ފެތުރުމުގެ ފުރުޞަތު އޮވެއެވެ. އެންމެ ބޮޑަށް ބަލި ފެތުރެނީ އަލާމާތްތައް ފެންނަތާ 4-3 ދުވަސް ތެރޭގައެވެ.

އިންފުލުއެންޒާގެ އަލާމާތްތައް:

• ބޮލުގައި ރިހުން
• ނޭފަތުން ފެންއައުން / ބެދުން
• ކެއްސުން / ކިނބިހި އެޅުން
• ކަރުގައި ރިއްސުން
• ހުންއައުން
• ވަރުދެރަވުން
• ގައިގައި ރިއްސުން
• ބޭރަށް ހިންގުން، ހޮޑުލެވުން ( އާއްމުކޮށް ކުޑަކުދިން)

ހުން އައިސް އަރިދަފުސް ރޯގާ ޖެހޭ ކުޑަކުދިންގެ ފަރާތުން، 6 ގަޑިއިރު ނުވަތަ 8 ގަޑިއިރު ވަންދެން ކުޑަކަމު ނުދިއުން، ވަރުދެރަވެ ނުވަތަ ވަރަށް ބޮޑަށް ވަރުބަލިވުން، ގާތުން ކިރުދޭ ކުދިން ރަނގަޅަށް ކިރު ނުބުއިން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯއްދެވުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އިންފުލުއެންޒާ ޖެހިއްޖެނަމަ 5 އަހަރުން ދަށުގެ ކުދިންނަށް، ޚާއްސަކޮށް 2 އަހަރުން ދަށުގެ ކުދިންގެ ބަލިގެ ހާލަތު ސީރިއަސްވުން އެކަށީގެންވާކަން އެޗް.ޕީ.އޭއިން ފާހަގަކުރައްވައެވެ.

ހުމާއި ރޯގާ ފެތުރުން ކޮންޓްރޯލްކުރުމަށް ސަމާލުވާންވީ ކަންކަން:

• ބަލި މީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދިއުން
• ހުން އައިސް ރޯގާގެ އަލާތްމާތްތައް ހުންނަނަމަ ކުޑަކުދިންނާއި އެހެން މީހުންނާ ދުރުވެ އުޅުން
• އަރިދަފުސް ރޯގާ ހުރިނަމަ އަދި ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާނެހެން މާސްކުއެޅުން
• އަދިރަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ވީހާވެސް އަވަހަށް ޓެސްޓްކުރުން

އެޗް.ޕީ.އޭއިން ވިދާޅުވީ، ރަނގަޅު ކާނާ ކެއުމާއި، ފެންބުއިން އިތުރުކުރުމާއި، އެކަށީގެންވާ ވަރަށް ނިދުން ފަދަ ކަންކަމަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް އެހީތެރިވާނެ ކަންކަމެވެ. އެހެންކަމުން ދިފާޢީ ނިޒާމު ވަރުގަދަކޮށް ހުރުމަކީ ބަލިތަކުން ފަސޭހަވުމަށް އެޅޭ އެންމެ ބޮޑު އެއް ފިޔަވަޅެވެ.

މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާކުރަން ޖެހޭނެއެވެ. އެގޮތުން ޚާއްސަކޮށް ކުޑަކުދިން ހުން އައިސް ރޯގާގެ އެއްވެސް އަލާމާތެއް ހުރިކަމުގައި ވާނަމަ ކުއްޖާ ސުކޫލަށް ނުފޮނުވުމަކީ ވަރަށް މުހިންމު ކަމަކެވެ. އެހެން ކަމުން ހުރިހާ ބޭފުޅުން ބަލިން ރައްކާތެރި ވުމަށާއި، ބަލިފެތުރުން ހުއްޓުވުމަށް ސިއްޙީ މާހިރުންގެ އަޑު އައްސަވާ އެގޮތަށް އަމަލު ކުރުމަކީ މުހިންމު ކަމަކެވެ.