ޚަބަރު

ޢުދުވާން ހުއްޓާލަން ޔަހޫދީން ތައްޔާރު ކަމަށް ބުނެ ޣައްޒާގައި 300 މީހުން ޝަހީދުކޮށްލައިފި


ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ފަލަސްޠީނުގެ ޣައްޒާގެ 300އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ. ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ބުނީ މި މުއްދަތުގެ ތެރޭގައި ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ޔަހޫދީން 26 ލޭއޮހޮރުވުން ހިންގާފައިވާ ކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 73 މީހުން ޝަހީދުކޮށްލާފައިވާއިރު މީގެ ތެރެއިން 33 މީހުން ޝަހީދުކޮށްލާފައި ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމަށް އެމެރިކާއާ ގުޅުންހުރި ޣައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން، ޖީއެޗްއެފުން ޤާއިމުކޮށްފައިވާ އެހީގެ ސާމާނުބަހާ މަރުކަޒުތައް ކައިރިންނެވެ. މިދިޔަ މެއި މަހުގެ 26ވަނަ ދުވަހު ޣައްޒާގައި ޖީއެޗްއެފުން މަސައްކަތް ކުރަން ފެށިފަހުން އެ ސަރަޙައްދުތަކުގައި 600އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 4،000އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ ދެކުނުގައި އޮންނަ އަލް-މަވާސީގައި ހުރި ފޭލިގެއަކަށް އަމާޒުކޮށް ޔަހޫދީން ދިން ޙަމަލާއެއްގައި 13 މީހުން ވެސް ޝަހީދުވެފަައިވެއެވެ. ގެދޮރު ގެއްލިފައިވާ ޣައްޒާގެ ގިނަ ޢަދަދެއްގެ މީހުން ހިޔާވަހިކަން ހޯދަމުންދާ މުސްޠަފާ ހާފިޒް މަދަރުސާއިން ވެސް 16 މީހުން ޝަހީދުވެފައިވާއިރު، ގިނަ ޢަދަދެއްގެ މީހުންނަށް ވަނީ ޒަޚަމްވެފައެވެ.

ޣައްޒާގެ ކަމާބެހޭ އިދާރާއަކުން ބުނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ޣައްޒާއަށް ދިން ޙަމަލާތައް އަމާޒުކޮށްފައި ވަނީ ސީދާ އާންމު ރައްޔިތުންނަށް ކަމަށެވެ. އެ ގޮތުން ގެދޮރު ގެއްލި ޙާލުގައި ޖެހިފައިވާ މީހުންނާއި، ބައިބޯ ސަރަޙައްދުތަކަށާއި ގޭގެއަށާއި ބާޒާރުތަކަށާއި އާންމުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދޭ މަދަނީ މަރުކަޒުތަކަށާއި ބަނޑަށް ޖެހި ކާނޭ އެއްޗެއް ހޯދުމަށް މަސައްކަތްކުރަމުންދާ ޣައްޒާގެ ރައްޔިތުންނަށް ޙަމަލާތައް އަމަޒުކޮށްފައިވާ ކަމަށް އެ އިދާރާތަކުން ފާހަގަކުރެއެވެ.

އެހީ ބަހާ މަރުކަޒުތަކުގައި ޔަހޫދީ ފައުޖުން އާންމުންނަށް ޙަމަލާ ދެނީ އެއްވެސް ވަރަކަށް އެންގުމެއް ނެތި ކަމަށް ޣައްޒާގެ ރައްޔިތުން ބުނެއެވެ. އެހީ ބަހާ މަޒުކަޒުތަކުަގައި ސާމާނު އެއްކުރުމަށް ޣައްޒާގެ ރައްޔިތުން އަވަސްވެގަންނަ ވަގުތު ޔަހޫދީން އެންގުމަކާ ނުލައި ބަޑިޖަހަން ފަށާ ކަމަށް އެ މީހުން ބުނެއެވެ. އެ ސަރަޙައްދުތަކުގައި ޙަމަލާދޭލެއް ވަރުގަދަ ކަމުން އެ ސަރަޙައްދުތަކަށް ކުއްލި ޙާލަތުގައި އެހީދޭ ޚިދުމަތްތަކާއި ޞިއްޙީ ފަރުވާދޭ ޚިދުމަތްތެރިންނަށް ނުވަދެވޭ ކަމަށް ވެސް އެ މީހުން ވަނީ ފާހަގަކޮށްފައެވެ.

ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޖީއެޗްއެފުން ބޭނުން ކުރަނީ އެމެރިކާގެ އަމިއްލަ ސަލާމަތީ ކުންފުންޏަކާއި ލޮޖިސްޓިކްސް ކުންފުނިތަކެވެ. އެ ނިޒާމުގެ ސަބަބުން އެހީ ބެހުމުގެ މަސައްކަތަށް އދން އިސްވެ މީގެ ކުރިން ބޭނުން ކުރަމުން ދިޔަ ނިޒާމު ވަނީ އެއްކޮށްހެން ހުއްޓުމަކަށް އައިސްފައެވެ. އެމެރިކާއިން ބޭނުން ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމުގެ މަސައްކަތުގައި އދން ޖީއެޗްއެފާއެކު ބައިވެރިވުމަށެވެ. ނަމަވެސް އދން ވަނީ އެ ކަމަށް ދެކޮޅު ހަދާފައެވެ. ޖީއެޗްއެފަކީ މިނިވަން އަދި ވަކި ފަރާތަކަށް ނުޖެހޭ ފައުންޑޭޝަނެއް ކަމަށް އދން ޤަބޫލެއް ނުކުރެއެވެ. އދން ވަނީ ޖީއެޗްްއެފުން އެހީގެ ސާމާނު ބަހާ ނިޒާމަކީ އެހީގެ ސާމާނު ހަނގުރާމައިގެ ހަތިޔާރަށް ހަދައި، ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކުރުވާ ނިޒާމެއް ކަމަށް ތުހުމަތު ކޮށްފައެވެ.

މި ހަފްތާގެ ތެރޭގައި އދގެ ސެކެޓްރީ ޖެެނެރަލް އެންތޯނިޔޯ ގުތޭޚޭޝް ވެސް ވަނީ ޣައްޒާގައި އެހީގެ ސާމާނު ބެހުމަށް މިހާރު ގެންގުޅޭ ނިޒާމަކީ ރައްކާތެރި ނިޒާމެއް ނޫން ކަމަށާއި އެ ނިޒާމުގެ ދަށުން އެތައް ބަޔަކު ޝަހީދުވަމުންދާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ގޮތްހުސްވެފައިވާ ބަޔަކު އަސްކަރީ ބާރުތަކުން ޙަަރަކާތްތެރިވާ ސަރަޙައްދުތަކަކަށް އެއްކޮށް ޖަމާކުރާ އެއްވެސް ޙަރަކާތަކީ އޭގެ ޒާތުގައި ރައްކާތެރި ޙަރަކާތެއް ނޫން ކަމަށާއި އެ ޙަރަކާތުގެ ސަބަބުން މީހުން މަރުވަމުންދާ ކަމަށެވެ.

ނޯވޭއަށް ނިޞްބަތްވާ އެމަޖެންސީ ޑޮކްޓަރެއް ކަމަށްވާ ޑރ މެޑްސް ގިލްބަރޓް ވިދާޅުވީ ޖީއެޗްއެފުން ހިންގާ ޙަރަކާތްތަކަކީ ޣައްޒާގެ އަސްކަރީ ފައުޖުގެ ޙަރަކާތްތަކުގެ ބައެއް ކަމަށެވެ. 30 އަހަރަށްވުރެ ގިނަ ދުވަހު ޣައްޒާގައި މަސައްކަތްކުރައްވާފައިވާ ޑރ ގިލްބަރޓް ވިދާޅުވީ ޖީއެޗްއެފްގެ މަސައްކަތަކީ ޣައްޒާއިން ބަނޑުހައިހޫނުކަން ނައްތާލުމަށް މަސައްކަތްކުރުން ނޫން ކަމަށާއި އެ ޖަމްޢިއްޔާގެ ބޭނުމަކީ ޔަހޫދީންގެ މަޤްސަދު ޙާޞިލް ކުރުމަށް އެހީތެރިވެދިނުން ކަމަށެވެ. ޖީއެޗްއެފަކީ ލޮލުގައި އަޅުވާ އަނދުނެއް ކަމަށާއި އެ ޖަމްޢިއްޔާގެ މަސައްކަތަކީ ގޮތްހުސްވެ ބަނޑަށް ޖެހިފައިވާ ބަޔަކު ވަކި ސަރަޙައްދަކަށް ގެނައުމަށް ކާބޯތަކެތި ބޭނުންކުރުން ކަމަށާއި، ޔަހޫދީން ބޭނުންވާ ސަރަޙައްދުތަކަށް އެ މީހުން އެއްވުމުން އެ މީހުންނަށް ގޯނާކޮށް ޝަހީދުކުރުން ކަމަށެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ އިދާރާ، އުންރުވާއިން ވަނީ ޖީއެޗްްއެފް މެދުވެރިކޮށް ކާބޯތަކެތި ހޯދުމަށް މަސައްކަތްކުރާ މީހުން ޝަހީދުކޮށް ޒަޚަމްކުރުމާ ގުޅޭގޮތުން ތަހުޤީޤެއް ހިންގުމަށް ގޮވާލައިފައެވެ. އުންރުވާއިން ބުނީ އެހީގެ ސާމާނު ބެހުމަށް ޣައްޒާގެ އެކި ސަރަޙައްދުތަކުގައި 400އަށްވުރެ ގިނަ މަރުކަޒު އެ އިދާރާއިން ބޭނުންކުރާ އިރު، އެ ކަމަށް ޖީއެޗްއެފުން ބޭނުން ކުރަނީ ބޮޑު ހަތަރު މަރުކަޒު ކަމަށެވެ.

ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީން މެދުކެނޑުމެއްނެތި ޙަމަލާދެމުންދާއިރު ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސުން ވަނީ އެ ޖަމާޢަތުން އެ ހުށަހެޅުން ދިރާސާކުރަމުންދާ ކަމަށް ބުނެފައެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ، އެއީ ޙަމާސަށް ހުށަހަޅާނެ އެންމެ ފަހު ހުށަހެޅުން ކަމަށާއި ޔަހޫދީން ސުލްޙަވުމަށް އެ ޖަމާޢަތަށް ދޭނެ އެންމެ ފަހު ފުރުޞަތު ކަމުގައެވެ.

ޣައްޒާ ޢުދުވާން 60 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލައި އަސީރުން ބަދަލު ކުރުމަށް ޓްރަމްޕް ހުށަހަޅުއްވާފައިވާއިރު ޔަހޫދީން ވަނީ އެ ހުށަހެޅުން ބަލައިގެންފައެވެ. ނަމަވެސް އެ ހުށަހެޅުމާ ގުޅޭގޮތުން ޙަމާސުން ބުނީ އެ ޖަމާޢަތުގެ މައިގަނޑު މަޤުޞަދަކީ ޔަހޫދީންގެ ނިރުބަވެރި ހަނގުރާމަ ދާއިމަށް ހުއްޓުވުން ކަމަށެވެ. ޔަހޫދީންނާ އެކު އެއްބަސްވުމެއް އެކުލަވައިލުމަށް ޙަމާސުން ކުރިން ހުށަހަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ހިންގަމުންދާ ޤަތުލުޢާންމު ދާއިމަށް ހުއްޓައިލައި، ޔަހޫދީ ސިފައިން އެ ސަހަރުން ފޭބުން ހިމެނެއެވެ. ނަމަވެސް، ޔަހޫދީން ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. ޙަމާސުން ބުނީ ދެ ފަރާތުގެ ދެމެދުގައިވާ ޚިޔާލު ތަފާތުވުން ޙައްލުކުރުމަށް މަޝްވަރާތަކުގައި މެދުވެރިންގެ ގޮތުގައި ޙަރަކާތްތެރިވާ ޤައުމުތަކާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ.