އަހަރުގެ ފުރަތަމަ 5 މަހު މަސް އެކްސްޕޯޓްކޮށްގެން ހޯދި އާމްދަނީ 40 އިންސައްތަ އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ އެއިދާރާއިން މަހުން ނެރޭ އެކި ސިނާޢަތްތަކުގެ ތަފާސް ހިސާބުތައް ރިޕޯޓުގައެވެ.
ރާއްޖެއިން ބޭރުކުރާ މަހުން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު މިއަހަރު ފުރަތަމަ ފަސް މަސް ދުވަހު 63.7 މިލިޔަން ޑޮލަރު ލިބިފައިވެއެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 45.5 މިލިޔަން ޑޮލަރެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 40 އިންސައްތަ އިތުރު އަދަދެކެވެ.
މަސް ބޭރުކޮށްގެން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ، އެޕްރީލް މަހުއެވެ. އެ މަހު އެކަނި 18.2 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ. އެވަރޭޖް ގޮތެއްގައި މިއަހަރު ފުރަތަމަ ފަސް މަހަށް ބަލާއިރު ޖެނުއަރީ މަސް ފިޔަވައި ކޮންމެ މަހަކު ލިބުނު އާމްދަނީ 10 މިލިޔަން ޑޮލަރަށް ވުރެ އިތުރެވެ. މިދިޔަ އަހަރުގެ އެވްރެޖް އާމްދަނީ 10 މިލިޔަން ޑޮލަރަށް ވުރެ ދަށެވެ.
މަސްވެރިކަމުން ލިބުނު އާމްދަނީ އިތުރުވެފައި މިވަނީ މަސް ބޭރު ކުރި މިންވަރު އިތުރުވުމާއި ގުޅިގެންނެވެ. އެގޮތުން މިއަހަރު ފުރަތަމަ ފަސް މަހު 38,800.6 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފައެވެ. މިދިޔަ އަހަރު މިމުއްދަތުގައި ބޭރުކޮށްފައިވަނީ 23,356.1 މެޓްރިކް ޓަނެވެ. މިއީ 66.1 އިންސައްތައިގެ އިތުރުވުމެކެވެ. އެންމެ ގިނަ އަދަދެއްގެ މަަސް ބޭރުކޮށްފައިވަނީ އެޕްރީލް މަހުއެވެ. އެ މަހުގެ 9700 މެޓްރިކް ޓަން ބޭރުކޮށްފައިވެއެވެ.
ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.