ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޣައްޒާއަށް ހުއްޓުމެއްނެތި ލާއިންސާނީ ޢުދުވާނުތައް ދެމުންދާ ޔަހޫދީންގެ ނިރުބަވެރި ދަޢުލަތަށް އިތުރު 510 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާގެ ސަރުކާރުން ނިންމައިފިއެވެ.
މިދިޔަ ހޯމަ ދުވަހު އެމެރިކާ ސަރުކާރުން ޔަހޫދީންނަށް ވިއްކަން ނިންމި ބަރު ހަތިޔާރުގެ އިތުރުން، ފަންނީ އެހީތެރިކަމާއި އިންޖިނިއަރިންގ އަދި ލޮޖިސްޓިކަލް ޚިދުމަތްތައް ވެސް ހިމެނެއެވެ.
އެމެރިކާގެ ޚާރިޖީ އިދާރާއިން ބުނީ، މި ނިންމުމުގެ ފަހަތުގައި އޮތީ، ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުގެ އަސްކަރީ ޤާބިލުކަން އިތުރަށް ވަރުގަދަކޮށްގެން، މެދުއިރުމަތީގައި އެމެރިކާގެ މަސްލަޙަތު ހިމާޔަތްކޮށް، ރައްކާތެރިކުރުން ކަމަށެވެ.
އިސްރާއީލަށް ހަތިޔާރު ވިއްކަން ނިންމި މި ނިންމުން މިދިޔަ ހޯމަ ދުވަހު ވަނީ އެމެރިކާގެ ކޮންގްރެސްއާ ވެސް ޙިއްސާކޮށްފައެވެ.
މިދިޔަ ފެބްރުއަރީ މަހު ވެސް އެމެރިކާއިން ވަނީ ޔަހޫދީންނަށް 7.4 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކައިފައެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލު ހޭދަކުރުމާއި ލާއިންސާނީ ޖަރީމާތައް ހިންގަން، ޔަހޫދީން މައިގަނޑު ގޮތެއްގައި ބޭނުންކުރަމުންދަނީ އެމެރިކާއިން ފޯރުކޮށްދީފައިވާ ހަތިޔާރެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމުގައި، ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 56,000އަށް އުފުލިފައިވާ ކަމުގައި އެ ސަހަރުގެ ޞިއްޙީ އިދާރާއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، އުމޫރުންނެވެ.
ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން މުޅި ދުނިޔެއިން ކަންބޮޑުވުންފާޅުކުރަމުންދާއިރުވެސް، އެމެރިކާއިން ދަނީ މުޅި ޣައްޒާ ސުންނާފަތިކުރަން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ.