ޚަބަރު

އިންޓަރ ބަލިކޮށް ފުލުމިނެންސޭ ކުއާޓާއަށް


ފީފާ ކުލަބު ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި ރޭ އިންޓަރ މިލާނާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ބްރެޒިލްގެ ފުލުމިނެންސޭއިން ހޯދައިފިއެވެ.

ޗާލޮޓްގެ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމަށް ހަތްދިހަ ހަތަރު ހާސް މީހުންނަށް ކުޅި ބަލަން ވަދެވޭ ނަމަވެސް މި މެޗު ބަލަން ދަނޑަށް ވަދެފައިވަނީ ވިހިހާސް ތިރީސް މީހުންނެވެ.

ގަދަ ހޫނުގައި ކުޅުނު މި މެޗު ފެށުނީއްސުރެ ފުލުމިނެންސޭ އިން ފެނިގެން ގޮސްފައިވަނީ ތަފާތު މޮޅު ކުޅުމެކެވެ. އަދި މެޗުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ޖަމަން ކެނޯ ވަނި ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އަރިމަތިން ހުރަސް ކުރި ބޯޅައެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އިންޓަރ މިލާނުގެ ކެޕްޓަން އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް އަށް މި މެޗުގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުލުމިނެންސޭ އިން ވަނީ ގިނަ ހަމަލަތަކެއް ދިފާއުކޮށްފަ އެވެ. އޭގެ ތެރެއިންވެސް އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ އެޓީމުގެ ގޯލު ކީޕަރު 40 އަހަރުގެ ފަބިއޯ އެވެ. އަދި ދުވަސްވީ ތަޖުރިބާކާރު ކެޕްޓަން ތިއާގޯ ސިލްވާވެސް އެ ޓީމުގެ ފަހަތް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ފުލުމިނެންސޭ އިން އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކުރި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.

ފުލުމިނެންސޭ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހަރކިއުލެސް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ފުލުމިނެންސޭ މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވާއިރު ބްރެޒިލްގެ ޕަލްމޭރާސް އިން ވެސް ވަނީ މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ފުލުމިނެންސޭ އާއި ދެކޮޅަށް ކުޅޭނެ ކްލަބެއް އެނގިގެންދާނީ މިއަދު ސައުދި އަރަބިއްޔާގެ އަލް ހިލާލް އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗަށްފަހުގަ އެވެ.

އެމެރިކާގައި ކުރިއަށްދާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ބްރެޒިލްގެ ކްލަބްތަކުން ވަނީ ޔޫރަޕްގެ ވަރުގަދަ ޓީމުތަކާއި ދެކޮޅަށް އެ ޓީމުތަކަށް ރަގަޅު ނަތީޖާތަކެއް ނެރެވިދާނެކަން ސާބިތުކޮށްދީފަ އެވެ. މި މުބާރާތުގައި ވާދަކުރާ ބްރެޒިލްގެ ހަތަރު ޓީމުވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ހޯދާފަ އެވެ.

ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ ދެކުނު އެމެރިކާގެ ކްލަބްތަކަށް ރަގަޅު ނަތީޖާތަކެއް މި މުބާރާތުގައި ހޯދިފައިވަނީ އެމެރިކާގެ މޫސުމަށް އެ ކްލަބްތައް ހޭނިފައިވާތީ ކަމަށެވެ.