ޚަބަރު

އައު ޓާމިނަލްގައި ޚިދުމަތް ދޭ މުވައްޒަފުންނަށް ޚާއްސަ ތަމްރީނުތަކެއް


  • ތަމްރީނުތަކުގެ ފުރަތަމަ ބެޗު ކުރިއަށްދާނީ 9 ޖުލައި 2025ގެ ނިޔަލަށް

  • ފުރަތަމަ ބެޗުގައި 150 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނުކުރާނެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގައި ފަސިންޖަރުންނަށް ޚިދުމަތް ދޭ 300 މުވައްޒަފުންނަށް ޚާއްސަކޮށްގެން ތަމްރީނުތަކެއް ފަށައިފިއެވެ.

އެމްއޭސީއެލްއިންން ވިދާޅުވީ މިތަމްރީނުތަކަކީ ޖުލައި 26 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވާއިރު ޚިދުމަތް ދޭ މުވައްޒަފުންނަކީ އެތަނުން ޚިދުމަތް ހޯދާ ފަސިންޖަރުންނަށް ހިނިތުންވުމާއި، އޯގާތެރިކަމާއި، ދިވެހީންގެ މެހެމާންދާރީއާއެކު މުޢާމަލާތްކޮށް ޚިދުމަތް ދޭނެ ގާބިލު ބަޔަކަށް ހެދުމަށް ކުރިއަށް ގެންދާ ތަމްރީނުތަކެއް ކަމަށެވެ.

އެމްއޭސީއެލުން ވިދާޅުވީ މި ތަމްރީނުތައް ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ބެޗު ކުރިއަށްދާނީ 9 ޖުލައި 2025ގެ ނިޔަލަށެވެ. މި ބެޗުގައި 150 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނުކުރާނެއެވެ. އޭގެ ތެރޭގައި އައު ޓާމިނަލުގައި ޚިދުމަތް ދިނުމަށް އަލަށް ނެގި މުވައްޒަފުންނާއި މިހާރުގެ ޓާމިނަލުގައި ޚިދުމަތް ދެމުން އަންނަ މުވައްޒަފުން ހިމެނެއެވެ.

މިތަމްރީނުތަކުގައި ކިޔަވައިދެނީ ކަސްޓަމަރ ސަރވިސް ޓްރެއިނިން ދިނުމުގައި ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ އަދި ކޯޗް މަސްޢޫދު ޢަލީއެވެ.

މި ތަމްރީނުތަކާ ގުޅޭ ގޮތުން ފަސިންޖަރ ސަރވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުޝްތާޤު ވިދާޅުވީ އެއަރޕޯޓުން ޚިދުމަތް ހޯދާ ފަސިންޖަރުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަކީ އަބަދުވެސް އެންމެ އިސްކަންދޭނެ ފުރަތަމަ ކަންތައް ކަމަށެވެ. އެގޮތުން އައު ޓާމިނަލެއް ހުޅުވާއިރު، އެތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށްޓަކައި އެތަނުގެ މުވައްޒަފުންނަކީ ފަސިންޖަރުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ކުޅަދާނަ އަދި ގާބިލް މުވައްޒަފުންނަށް ހެދުމަށް އެމްއޭސީއެލުން ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.

އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ސެކްޝަންގެ ޖެނެރަލް މެނޭޖަރު މިސްބާހު އަހުމަދު ވިދާޅުވީ، ޖާގައިގެ ގޮތުން ތަނަވަސް އަދި ފުރިހަމަ ޓާމިނަލެއް ހުޅުވާއިރު އެތަނުން ދެވޭ ޚިދުމަތަކީވެސް މަތީ ފަންތީގެ ޚިދުމަތްތަކަށް ވުން މުހިންމު ކަމަށެވެ. އެގޮތުން މިތަމްރީން ޕްރޮގްރާމަކީ އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކީ ޚިދުމަތް ދިނުމުގައި ހިތްހެޔޮކަމާއެކު ފަސިންޖަރުންނަށް މެހެމާންދާރީ ފޯރުކޮށްދޭ ބައެއްކަން ކަށަވަރު ކުރުމަށް ހިންގާ ތަމްރީނުތަކެއް ކަމަށް މިސްބާޙް ވިދާޅުވިއެވެ.

މިނިވަންދުވަހާއި ގުޅިގެން ހުޅުވުމަށް ނިންމާފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޕަސެންޖަރ ޓަރމިނަލް ވެގެންދާނީ އެތަނުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތި އަދި ޒަމާނީ ވަސީލަތްތައް ގާއިމްވެފައިވާ ތަނަވަސް ޓާމިނަލަކަށް ކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ. ޓާމިނަލް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށް ދާއިރު އެކިދާއިރާތަކުން މުވައްޒަފުން ތަމްރީންކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތް ދަނީ ކުރަމުންނެވެ.