ޚަބަރު

އެމްއޭސީއެލްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް، އިތުރު ކާމިޔާބީތައް ހޯދާނެ: ޗެއަރޕާސަން ނޫރްއައިން


  • ޗެއަރޕާސަން ވިދާޅުވީ ވޭތުވެދިޔަ އަހަރު ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށް

  • ސީއީއޯ ވަނީ ކުންފުނީގެ ޚިދުމަތް ފުޅާކޮށް ޚިދުމަތް ރަނގަޅުކުރާނެ ކަމަށް ވިދާޅުވެފައި

ވޭތުވެދިޔަ އަހަރުތަކުގައި އެމްއޭސީއެލްއިން ހޯދި ކާމިޔާބީތައް ދަމަހައްޓާ ކުރިމަގުގައި އިތުރު ކާމިޔާބީތަކެއް އެކުންފުނިން ހޯދާނެކަމަށް އެކުންފުނީގެ ޗެއަރޕާސަން އައިޝާ ނޫރްއައިން ޖަނާޙް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން އެކުންފުނީގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ، ހުޅުލޭ އައިލެންޑް ހޮޓެލުގައެވެ.

މި ޖަލްސާގައި އެމްއޭސީއެލްގެ ޗެއަރޕާސަން އައިޝާ ނޫރްއައިން ޖަނާޙްއާއި އެމްއޭސީއެލްގެ ބޯޑު މެމްބަރުންނާއި، ސީ.އީ.އޯ އަދި މެނޭޖިން ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން، އެކްސްކޯ މެމްބަރުން ވަނީ ބައިވެރިވަޑައިގެންފައެވެ.

އެމްއޭސީއެލްގެ ޗެއާޕާސަން ނޫރްއައިން ވިދާޅުވީ އެމްއޭސީއެލް އިން ފާއިތުވި އަހަރު ހޯދާފައިވާ ކާމިޔާބީތަކަކީ ކުންފުންޏަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެމްއޭސީއެލްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށާއި އުންމީދަކީ އެމްއޭސީއެލްއަށް އިތުރު ކާމިޔާބީތައް ލިބިގެންދިއުންކަމަށް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ އެމްއޭސީއެލް އިން ފާއިތުވި އަހަރު ހޯދި ކާމިޔާބީއަކީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެގޮތުގައި ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަގީންކަން ކުންފުނީގެ ބޯޑަށާއި މެނޭޖުމަންޓަށް އޭނާ ވަނީ އަރުވާފައެވެ.

ސީ.އީ.އޯ ޝަރީފް ވިދާޅުވީ އެމްއޭސީއެލްގެ އަމާޒަކީ އާ ޓާމިނަލްއާއެކު ކުންފުނިން ދެމުން އަންނަ ޚިދުމަތްތައް އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ފައިދާ އިތުރުކުރުން ކަމަށެވެ. އެގޮތުން އާ ޓާމިނަލް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ އިންގިލާބީ ބަދަލެއް ކަމަށް ވިދާޅުވިއެވެ.

އެމްއޭސީއެލްއިން އެންމެ އިސްކަމެއް ދީގެން މިވަގުތު ކުރިއަށް ގެންދާ މަސައްކަތަކަކީ އާ ޕެސެންޖަރ ޓާމިނަލް ހުޅުވުމުގެ މަސައްކަތެވެ. ވެލާނާ އެއަރޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ހުޅުވިގެންދާއިރު، އެތަނު ޚިދުމަތްތައް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެމްއޭސީއެލްގައި އުމްރާނީ ގިނަ ވަސީލަތްތަކެއްވަނީ ޤާއިމްކުރެވިފައެވެ.

އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ފަސިންޖަރުންނާއި އެއާލައިންތަކާއި ސްޓޭކްހޯލްޑަރުންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށް އެކުންފުނިން ވިދާޅުވެއެވެ.