ޅ. ކުރެންދޫ ބަނދަރުގެ އެއްބަސްވުން ބާތިލުކުރުމާއި ގުޅިގެން އެ މަޝްރޫއު ހަވާލުކުރި ޔޫމެޓް ކޮންސްޓްރަކްޝަނަށް ނިމިދިޔަ ސަރުކާރުން ބަދަލުގެ ގޮތުގައި ދޭންޖެހޭ މިންވަރަށްވުރެ އިތުރަށް 23 މިލިޔަން ރުފިޔާ ދީފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ޔޫމެޓަށް ބަދަލު ދިނުމަށް ނިމިދިޔަ ސަރުކާރުން ހެދި ސެޓަލްމަންޓް އެއްބަސްވުމާ ގުޅޭގޮތުން ހެދި ޚާއްސަ އޮޑިޓުގައި ބުނެފައިވަނީ ބަދަލުގެ ގޮތުގައި ކުރީ ސަރުކާރުން އެ ކުންފުންޏަށް ޖުމްލަ 26 މިލިޔަން ރުފިޔާ ދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ކުންފުންޏަށް ދޭންޖެހޭ ވަރަށްވުރެ ބޮޑު އަދަދެއް ކަމަށާއި އެ އަދަދު އަނބުރާ ހޯދަންޖެހޭ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ޅ. ކުރެންދޫ ބަނދަރު ހަދަން ޖޮއިންޓް ވެންޗަރ އުސޫލުން ޔޫމެޓް ކޮންސްޓްރަކްޝަނާ ހަވާލުކުރީ 21.1 މިލިޔަން ރުފިޔާއަށް 2011ވަނަ އަހަރުއެވެ. ނަމަވެސް މަޝްރޫއުގެ މަސައްކަތް އެ ކުންފުނިން ހުއްޓާލުމުން އެމްޓީސީސީ މެދުވެރިކޮށް ހެދި އެސެސްމަންޓަކަށްފަހު އެކަށީގެންވާ މަސައްކަތް ނުކުރާތީ 10 މާޗު 2013ގައި އެ އެއްބަސްވުން ބާތިލުކުރިއެވެ.
އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން ޔޫމެޓުން އެ މައްސަލަ ކޯޓަށް ހުށަހެޅިއެވެ. ސިވިލް ކޯޓުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 13 މިލިޔަން ރުފިޔާދޭން ސަރުކާރުގެ މައްޗަށް ހުކުމް ކުރި ނަމަވެސް ހައި ކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުން އެ ހުކުމް ބާތުލުކުރިއެވެ. އެއަށްފަހު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ އެއްބަސްވުން ބާތުލުކުރީ ގޯސްކޮށް ކަމަށް ނިންމައި ބަދަލު ދޭން ނުޖެހޭ ކަމަށްވެސް ތާޢީދުކޮށްފައެވެ. އަދި ބަދަލު ހޯދާނަމަ އަލުން އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދޭން ނިންމިއެވެ.
ޔޫމެޓުން 2 އޮކްޓޯބަރު 2022ގައި ސުޕްރީމް ކޯޓަށް ހުށަހެޅީ ބަދަލު ގޮތުގައި 56.5 މިލިޔަން ރުފިޔާ ހޯދުމަށެވެ. އެއާއެކު ކޯޓުން ބޭރުގައި މައްސަލަ ނިންމުމަށްވެސް އޭރުގެ ސަރުކާރަށް އެ ކުންފުނިން ހުށަހެޅިއެވެ.
ޔޫމެޓުގެ އެ ހުށަހެޅުމާ ގުޅިގެން އޭރުގެ ސަރުކާރުން ބަދަލުގެ ގޮތުގައި 24.4 މިލިޔަން ރުފިޔާ ދޭން ނިންމެވި ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކުރެއެވެ. ނަމަވެސް އެ ގޮތަށް އެއްބަސްނުވެ ޔޫމެޓުން ހުށަހެޅީ 26 މިލިޔަން ރުފިޔާ ދިނުމަށެވެ. އޭރުގެ ސަރުކާރުގެ މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިޓީން ކަނޑައެޅި މިންގަނޑުގެ ތެރޭގައި އެ އަދަދު ހިމެނޭތީ، އެ އަދަދު ދޭން ނިންމައި އެ ކުންފުންޏާއެކު ސެޓަލްމަންޓް އެގްރީމަންޓެއް ހަދައި އޭރުގެ ހައުސިންގ މިނިސްޓްރީން ވަނީ 18 ޖޫން 2023ގައި އެ ފައިސާ ޔޫމެޓަށް ދައްކާފައެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މައްސަލައިގައި އެންމެ ގިނަ ވެގެން ވެސް ބަދަލުގެ ގޮތުގައި ދޭން ޖެހޭނީ މަސައްކަތް ހުއްޓިފައި ހުރި މުއްދަތުގެ ތެރޭގައި ހުރި ވެހިކަލްތަކާއި އިކުއިޕްމަންޓަށް އައިޑްލް ކޮސްޓުގެ ގޮތުގައި 2.7 މިލިއަން ރުފިޔާއެވެ. އަދި ބަދަލު ދިނުމުގެ އަދަދުތައް ހިސާބުކުރުމުގައި، ބަދަލު ދިނުމުގެ މައްސަލަތައް ހައްލުކުރުމަށް ލަފާދޭ ކޮމިޓީން ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިނުދެވޭނެ ކަމަށް ކޯޓުތަކުން ކަނޑައަޅާފައި ހުރި އަދަދުތައް ބަދަލުގެ ގޮތުގައި އޭރުގެ ސަރުކާރުން ވަނީ ދީފައެވެ. އަދި ބަނދަރު އަޅަން ލިބުނު ފައިސާ ދައުރުކޮށްގެން ޔޫމެޓަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަކީވެސް ބަދަލުގެ ގޮތުގައި ނަގައިނުދެވޭނެ ފައިސާ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ބަދަލުހޯދަން ޔޫމެޓުން ހުށަހެޅި "ރިވިއު އޮފް ލޮސް އެޓިމޭޝަން" ގައި ބަޔާންކޮށްފައ ހުރި އަދަދުތަކުގެ ސައްޙަކަން ކަށަވަރު ކުރުމަށް އޭރު ސަރުކާރަށް އެކަމުގައި ލަފާދިން ކޮމިޓިން އެކަށީގެންވާ މަަސައްކަތްތަކެއް ކޮށްފައި ނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ނިމިދިޔަ ސަރުކާރުގެ ބަދަލު ނަގައިދިނުމުގެ އުސޫލަކީ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ފާހަަގަކޮށްފައި ހުރި ކަންކަމަށް ރިއާޔަތް ނުކޮށް ހަދާފައިވާ އުސޫލެއް ކަމަށާއި އެ އުސޫލު އޮތް ގޮތުން އެކަށީގެންނުވާ ބަދަލެއް ނަގައިދިނުމުގެ ފުރުސަތު ފަހިވެެފައިވާކަން އޮޑިޓް އޮފީހުން ފާހަގަކުރައްވައެވެ.
މި މައްސަލައާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ ނިމިދިޔަ ސަރުކާރުން އިތުރަށް ދީފައިވާ 23.2 މިލިޔަން ރުފިޔާ އަނބުރާ ހޯދުމަށާއި ޔޫމެޓަް ނުހައްގު ބަދަލު ދިނުމުގައި ޒިންމާވާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ލަފާދެއްވާފައެވެ.