ޚަބަރު

އާބާދީ ބޮޑެތި ސަރަހައްދުތަކަށް އަމާޒުކޮށް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން އޮޕަރޭޝަންތަކެއް


  • ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފުވެގެން 6،700 އަށްވުރެ ގިނަ ބިދޭސީންވަނީ ޑީޕޯޓުކޮށްލާފައި

  • އޮޕަރޭޝަންތަކުގެ މަޤުޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުން

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ޤައުމީ ފެންވަރުގެ ބޮޑު އޮޕަރޭޝަނެއް ހިންގަވަމުންނެވެ. މިއޮޕަރޭޝަންގެ ދަށުން ގަވާއިދާ ޚިލާފަށް ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފުވެގެން 6،700 އަށްވުރެ ގިނަ ބިދޭސީންވަނީ ޑީޕޯޓުކޮށްލާފައެވެ.

ރާއްޖޭގެ ކޮންމެ ދިމާއަކަށް ބެލިކަމުގައިވީ ނަމަވެސް ފެންނަނީ ބިދޭސީ މަސައްކަތްތެރީންނެވެ. ޢިމާރާތްކުރުމާއި، ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާޢަތަށް ބެލިކަމުގައިވީ ނަމަވެސް ފެންނަނީ ބިދޭސީންގެ ހިއްސާއެވެ. ހަމައެއާއެކު ރަށްރަށުން ކާބޯތަކެތި ގެނެސް ވިއްކުމުގައި މާރުކޭޓުގައިވެސް ބިދޭސީންނެވެ. ޑޮލަރު ވިއްކުމުގެ ކަޅު ބާޒާރުގައިވެސް ބިދޭސީންނެވެ. ގޭތެރޭގެ މަސައްކަތްތަކުގައިވެސް ބިދޭސީ މަސައްކަތްތެރީން އަންނަނީ އިތުރުވަމުންނެވެ. ކުދި ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ބިދޭސީންވެސް ވަނީ އިތުރުވަމުންނެވެ. މިކަމުގެ އާއްމުންގެ ކަންބޮޑުވުން ބޮޑެވެ.

ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފު އެތައް ކަމެއްވެސް ބިދޭސީން ދަނީ ހިންގަމުންނެވެ. ބޮޑެތި ކުށްތަކަށް އަރައިގަތުމުގައިވެސް ބިދޭސީންގެ ބައިވެރިވުން ފަހަކަށްއައިސްވަނީ އިތުރުވެފައެވެ. މަސްތުވާތަކެތީގެ ވިޔަފާރިތަކާއި، ހަށިވިއްކުމާއި، މާރާމާރީތައްފަދަ ޖިނާޢީ ކުށްތައްވެސް ހިމެނެއެވެ. އެހެންކަމުން މިކަންކަން ހައްލުކުރުމަށް ސަރުކާރުން މިހާރުވަނީ ބޮޑު އޮޕަރޭޝަނެއް ފަށްޓަވާފައެވެ.

މާލެ ސަރަހައްދުން ފެށި މި އޮޕްރޭޝަންތައް މިހާރު މިވަނީ އަތޮޅުތަކަށާއި ރާއްޖޭގެ އާބާދީ ބޮޑެތި ސަރަހައްދުތަކަށް ފުޅާކޮށްފައެވެ. އިމިގްރޭޝަނުން ވިދާޅުވީ މާލެ ސަރަހައްދުގެ އިތުރުން ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ދެން އެންމެ ބޮޑީ އާބާދީ ބޮޑެތި ސަރަހައްދުތަކުގައިކަމަށެވެ. އެގޮތުން އިމިގްރޭޝަނުން ރާއްޖޭގެ އާބާދީ އެންމެ ބޮޑު އެއްސަރަހައްދުކަމުގައިވާ އައްޑޫ ސިޓީގައި ވަނީ ރެއިޑް އޮޕްރޭޝަންތައް ކުރިއަށް ގެންގޮސްފައެވެ. މި އޮޕްރޭޝަންގައި ގަވާއިދާ ޚިލާފަށް އުޅުނު 83 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އިމިގްރޭޝަނުން ވިދާޅުވީ އަތޮޅުތަކަށާއި އާބާދީ ބޮޑެތި ސަރަހައްދުތަކަށް ފަށާފައިވާ މި އޮޕަރޭޝަންތައް މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާނެކަމަށެވެ.

އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ މަޤުޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. އަދި ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންތަކުގެ މަޤުޞަދެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ޒަމާނުންސުރެއް ބޮޑުވެފައިވާ މި މައްސަލަ ހައްލުކުރުމަށް ފާއިތުވި އެހެން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެއެވެ. އެގޮތުން ސަރުކާރުންނާއި އިމިގްޜޭޝަން އަދި ކަމާއި ގުޅުން ހުރި އިދާރާތައް ގުޅިގެން ކުރަމުންދާ މަސައްކަތުގެ ސަބަބުން ބޮޑުވެފައިވާ ބިދޭސީންގެ މައްސަލައަށް ހެޔޮ ނަތީޖާ ދަނީ ފެންނަމުންނެއެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ ބިދޭސީންގެ މައްސަލަވެސް ވަކި ނިޒާމެއްގެ ތެރެއިން ކުރެވޭނެ ގޮތް ހެދުމަށެވެ. މީގެ ސަބަބުން ބިދޭސީންގެ މައްސަލަތައް ފަސޭހައިން ދެނެގަނެވި ފިޔަވަޅު އެޅުމަށް ފަސޭގަވެގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.