ޚަބަރު

އީރާނާ ދެކޮޅަށް އެމެރިކާއިން ޙަމަލާ ދީފި ނަމަ އަދިވެސް ރައްދު ޙަމަލާ ދޭނަން: ޚާމަނާއީ


އެމެރިކާއީން އީރާނާ ދެކޮޅަށް ދޭ ކޮންމެ ޙަމަލާއެއްގެ ބަދަލުގައި މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ޙަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޢަލީ ޚާމަނާއީ ދެއްވައިފިއެވެ. އޭނާ އެ އިންޒާރު ދެއްވީ 12 ދުވަސް ވަންދެން ޔަހޫދީންނާއި އީރާނާދެމެދު ބަދަލު ކުރަމުންދިޔަ ޙަމަލާތައް އެއްބަސްވުމެއްގެ ދަށުން ހުއްޓާލި ފަހުން ފުރަތަމަ ފަހަރަށް ޤައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާދޭން ފެށީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ މުހިންމު ސަރަޙައްދުތަކަށް ޔަހޫދީން ޙަމަލާދީފައިވެއެވެ. އެ އަދި އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންސުވެރިންނާއި ގިނަ ޢަދަދެއްގެ އާންމުން ޝަހީދު ކޮށްލާފައިވެއެވެ. ޔަހޫދީން އީރާނަށް ޙަމަލާ ދެމުން ދަނިކޮށް، ޖޫން މަހުގެ 22ވަނަ ދުވަހު އެމެރިކާއިން ވެސް ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެ، އީރާނުގެ މައި ނިއުކްލިޔަރ މަރުކަތުތަކަށް ބޮން އަޅައިފައެވެ. އެ ގޮތުން އިޞްފަހާން، ފޫރްދޫ އަދި ނަޠާންޛްގައި ހުންނަ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދީފައިވެއެވެ. އެ ޙަމަލާގެ ބަދަލުގައި އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒަށް ޙަމަލާދީފައެވެ. އޭގެ ފަހުން ދެ ފަރާތުން ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފައެވެ.

ޚާމަނާއީގެ ޚިޠާބުގައި އޭނާ ވިދާޅުވީ އީރާނަށް ދޭ ކޮންމެ ޙަމަލާއެއްގެ އަގު އަދާ ކުރަންޖެހޭނެ ކަމަށާއި އެމެރިކާއިން ދިން ޙަމަލާގެ ބަދަލުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުަކަޒަށް އެ ޤައުމުން ޙަމަލާ ދީފައިވާ ކަމަށެވެ. އީރާނުން ދިން ޙަމަލާއަކީ އެމެރިކާގެ މޫނުމަތީގައި އީރާނުން ޖެހުންފަދަ ކަމެއް ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފައެވެ.

ޚާމަނާއީގެ ޚިޠާބުގެ ކުރިން، އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު އަލުން އާރާސްތުކޮށް ކުރިއަށް ގެންދާނަމަ އަނެއްކާ ވެސް އެ ޤައުމަށް ޙަމަލާދޭނެތޯ ސުވާލު ކުރުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޙަމަލާދޭނެ ކަމަށް ދޭހަވާ ގޮތަށް ޖަވާބު ދެއްވައިފައެވެ.

ޚާމަނާއީ ވިދާޅުވީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ މުހިންމު މަރުކަޒުތަކަށް ޙަމަލާ ދިނުމުގެ ޤާބިލިއްޔަތުކަން އީރާނަށް ލިބިފައިވާއިރު، އީރާނަށް ފެނިއްޖެ ހިނދެއްގައި އެ މަރުކަޒުތަކަށް ޙަމަލާ ދިނުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ. އެއީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި ޚާމަނާއީ ވިދާޅުވީ އެމެރިކާއިން އަލުން އީރާނަށް ޙަމަލާއެއް ދީފި ނަމަ ޤަޠަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ފަދަ ޙަމަލާއެއް ތަކުރާރު ކުރެވޭނެ ކަމަށެެވެ.