ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ 3 މަސް ދުވަހަށް އަދި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ އެއް މަސް ދުވަހަށް ސަސްޕެންޑް ކުރުމާއެކު ކައުންސިލަރުންނަށް ފިޔަވަޅު އެޅުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ނިންމަވައިފިއެވެ.
އެލްޖީއޭއިން މިގޮތަށް ނިންމަވާފައިވަނީ ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެ އިދާރާއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އެ މައްސަލަތައް ބެލުމަށް، ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހުއެވެ. މި އިންކުއަރީގައި ކައުންސިލް މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ ބަޔާން ނަގައި ލިޔެކިޔުންތައް އެލްޖީއޭއިން ވަނީ ދިރާސާކޮށްފައެވެ.
އެލްޖީއޭއިން ހާމަކުރެއްވި ގޮތުގައި ތިނަދޫ ސިޓީ ކައުންސިލުގެ ވާޖިބު އަދާކުރުމަށް ނުކުޅެދިފައިވާކަމަށާއި، ކައުންސިލުގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ޚިލާފަށް މޭޔަރާއި މެންބަރުން ޢަމަލުކުރާކަމަށް ބުނެ، އަމިއްލަ ފަރާތްތަކުންނާއި ދައުލަތުގެ އެކި އިދާރާތަކުން މައްސަލަތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ އިދާރާގެ މޮނިޓަރިންއަށްވެސް މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށާއި އިންކުއަރީގައި އެފަދަ 19 މައްސަލައެއް ބަލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ތިނަދޫ ސިޓީ ކައުންސިލާ ގުޅިގެން އެލްޖީއޭއިން ކުރިއަށްގެންދިޔަ އިންކުއަރީގައި ބަލާފައިވާ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުނުދިނުމާއި އެހެން ރަށަކަށް ރައްވެހިކަން ބަދަލު ކުރުމަށް ހުށައެޅުމުން 5,000 ރުފިޔާގެ ފީއެއް ނެގުމާއި އެ ފީ ނުނެގުމަށް އެލްޖީއޭއިން އެންގި އެންގުމަށް އަމަލުނުކުރުމާއި އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން އެދޭ މައުލޫމާތު ނުފޮނުވުމާއި އަތޮޅު ކައުންސިލުގެ އެންގުންތަކަށް އަމަލު ނުކުރުން ހިމެނެއެވެ. އަދި މާލީ ވުޒާރާގެ ހުއްދަނެތި ކައުންސިލުގެ ބިޑް ކޮމިޓީއާއި ބިޑް އިވެލިއުޝަން ކޮމިޓީއަށް އެލަވަންސް ދޭ ކަމަށާއި އޭސީސީގެ ތަހުގީގަށް އެއްބާރުލުން ނުދިނުމާއި ކައުންސިލުގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވެއްޓޭގޮތަށް ޕޯސްޓް ކުރާ ކަމަށްވެސް އެލްޖީއޭއިން ފާހަގަކުރައްވައެވެ.
ސަރުކާރުގެ ހައުސިންގ ސިޔާސަތުގެ ދަށުން ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާގެ މަޝްވަރާއެއް ނެތި ހުޅުވާލައި އެކަން ނުކުރުމަށް ވުޒާރާއިން އެންގި އެންގުމަށް އަމަލުކޮށްފައި ނުވާ ކަމަށާއި ތިނަދޫއިން ދޫކޮށްފައިވާ ފުލެޓްތަކަށް ވަޅުފެން ނުލިބޭތީ، އެކަމާއި ގުޅޭގޮތުން ރައްޔިތުންގެ ތެރެއިން ބަޔަކު ކައުންސިލުގެ މޭޔަރާ ބައްދަލު ކުރުމަށް އެދުމުން ބައްދަލު ކޮށްފައިނުވާކަންވެސް އެލްޖީއޭއިން ފާހަގަކުރައްވައެވެ. އަދި ކައުންސިލުން އިޢުލާންކޮށްގެން ހަދާފައިވާ މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރު ސައުދު ޢަލީގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށާއި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދީ، ސިޓީ ކައުންސިލެއް އުފައްދާފައި ނުވިނަމަވެސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެންބަރުންގެ މުސާރައާއި އިނާޔަތް، ކައުންސިލުގެ ރައީސްއާއި މެންބަރުން ނަގާފައިވާ ކަމަށްވެސް ވިދާޅުވެއެވެ.
މީގެ އިތުރުން ސިވިލް ސަރވިސް ޤާނޫނާއި ގަވާއިދާ ޚިލާފަށް ވޭޖު އުޞޫލުން އިޢުލާން ކުރުމެއްނެތި މުވައްޒަފުން ނެގުމާއި ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކައުންސިލުން ހިންގާ ޕްރޮކިއުމަންޓުތައް ސްޕްލިޓް ކޮށްގެން ކުރިއަށް ގެންދާކަމަށާއި ވަކި ފަރާތަކަށް މަންފާވާގޮތަށް ކައުންސިލަށް ލޯންޗެއް ގަތުމަށް ޕްރޮކިއުމަންޓް ކަންކަން ކުރިއަށް ގެންދިއުމާއި، ކައުންސިލުގެ އިދާރީ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަކިގޮތަކަށް ކަންކަން ކުރުމުގެ މައްސަލަވެސް މި އިންކުއަރީގައި ބަލާފައިވާ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.
އެލްޖީއޭއިން ވިދާޅުވީ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާކަން އިންކުއަރީއަށް ސާބިތުވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ޢަމަލުތައް ތަކުރާރުކޮށްފައިވާ ކަމަށާއި، އެހެންވެ މައްސަލަތައް ބަލައި އެ އިދާރާގެ ބޯޑުން ތިނަދޫ ސިޓީ މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި ކައުންސިލަރުންނަށް ފިޔަވަޅު އެޅުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާ ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވޭތީ ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރު ސައުދު ޢަލީ، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށް އެލްޖީއޭގެ ބޯޑުން ވަނީ ނިންމަވާފައެވެ. އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ ޢަލީ، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް އެއް މަސްދުވަހުގެ މުއްދަތަށް މަޤާމުގެ މަސްޢޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާކުރުމަށްވެސް އެލްޖީއޭގެ ބޯޑުން ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ކައުންސިލުގެ މެންބަރު އަހުމަދު ވަހީދު އާއި އާމިނަތު ނަސީމާ އާއި އަޙްމީމާ އަޙްމަދު އާއި ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް ޖީޒާ ހަސަނަށް ނަސޭހަތްތެރިވުމާއެކު މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަސްތެރޭ އަނބުރާ ދެއްކުމަށް އެންގެވުމަށް ވަނީ ނިންމަވާފައެވެ.
އެލްޖީއޭއިން ވަނީ ތިނަދޫ ސިޓީ ކައުންސިލްގެ މެންބަރު މުޙައްމަދު ޒަލީފު ޢަބްދުﷲ ގެ ސާބިތު ދަރަނީގެ މައްސަލައެއް އޮތުމުން ނަސޭހަތްތެރިވުމާއެކު މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަސްތެރޭ އަނބުރާ ދެއްކުމާއެކު ކައުންސިލު މެންބަރެއްގެ ކިބައިގާ ހުރުން ލާޒިމް ސިފައެއް އުނިވެފައިވާކަމަށް ކަނޑަޅައިފިނަމަ އެކަން ޤާނޫނާއި އެއްގޮތަށް ޕްރޮސެސް ކުރުމަށް އެންގެވުމަށް ވަނީ ނިންމަވާފައެވެ.
އެލްޖީއޭގެ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން ރިޕޯޓުގައި ލަފާދީފައިވާ ފަދައިން ޢަމަލުކުރުމަށާއި ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާއި އިދާރީ މުވައްޒަފުންގެ މައްސަލަ ބަލައި، މުވައްޒަފުންގެ އިހުމާލެއްވާނަމަ ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް، ބޯޑުން ނިންމާފައިވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.