ހުރިހާ ކުޅުންތެރިންގެވެސް އުއްމީދަކީ ތަށި ނެގުން ކަމަށާއި، އެހެން ނަމަވެސް މި ފަހަރު ފަރިތަކުރަން ލިބުނީ މަދު ދުވަސްކޮޅެއް ކަމަށް ވީއޭއެމް ކަޕް 2025 ގައި ވާދަކުރާ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އެޗްޑީސީގެ ކެޕްޓަން އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) ބުނެފިއެވެ. 
ޕީއެސްއެމް ނިއުސްއަަށް ދިން ހާއްސަ އިންޓަވިއުއެއްގައި ސާޖިދު ބުނީ  އެހެން އަހަރުތަކާއި ބަލާފައި ތިން މުބާރާތަށް ޕްރެކްޓިސް ކުރަން އިންޑޯ މި ލިބުނީ ދެ ދުވަހު ކަަމަށެވެ. ބޮޑުބައި ފަރިތަކުރުންތައް ގެންދަން ޖެހުނީ އައުޓްޑޯގައި ކަމަށެވެ. 
ސާޖިދު ބުނީ ވީއޭއެމް ކަޕަށް ކުލަބު އެޗްޑީސީ މިއޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ ކަމަށެވެ. 
ސާޖިދު ބުނީ މުބާރާތުގައި ވަކި ދަށް ޓީމެއް ނެތް ކަމަށާއި ހުރިހާ ޓީމުތަކަކީވެސް ޖެހިލުންވާވަރުގެ މޮޅު ޓީމުތަކެއް ކަމަށެވެ.  ހުރިހާ ޓީމެއްގައި ކަހަލަ ގޮތަކަށް ޔޫރަޕްގެ ކުޅުންތެރިންއެބަތިބި ކަމަށާއި އެހެންވީމާ ހުރިހާ ޓީމެއްވެސް ވަރަށް ވަރުގަދަ ވާނެހެން ހީވާ ކަމަށް ސާޖިދު ބުންޏެވެ. 
		
										
			ކުލަބު އެޗްޑީސީގެ އީރާންގެ ކުޅުންތެރިޔާ ދާނިއަލް މުތައްޒިރީ ބުނީ ކުލަބު އެޗްޑީސީގެ ހުރިހާ ކުޅުންތެރިން ވަރަށް މޮޅު ކަމަށާއި އެފަދަ ހުނަރުވެރި ކުޅުންތެރިންނާ އެކު ކުޅުމުގެ ފުރުސަތު ލިބުމަކީވެސް ފަހުރެއް ކަމަށެވެ. އޭނާ ބުނީ މިއީ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށާއި ރާއްޖެ އާދެވުމަކީވެސް ފަހުރެއް ކަމަށެވެ. 
ވޮލީ ބޯޅައަކީ އަބަދުވެސް މަޖާކޮށްލެވޭ ކުޅިވަރެއް ކަމަށާއި ރާއްޖެ އައިއިރު މިހާ ހުނަރުވެރި ކުޅުންތެރިން ތިބޭނެ ކަމަށް ހީވެސް ނުކުރާ ކަމަށް މުތައްޒީރީ ބުންޏެވެ. އޭނާ ބުނީ އަބަދުވެސް މަސައްކަތް ކުރަނީ ޗެމްޕިއަންކަން ހޯދަން ކަމަށާއި އެނޫން ވަނައަކަށް ނުކުޅޭ ކަމަށެވެ. އޭނާ އަކީ އިންޑިއާ އާއި މޮންގޯލިއާ އަދި ސްވިޑަންގެ ވޮކީ ކުލަބުތަކަށް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ. 
		
										
			ކުލަބު އެޗްޑީސީގެ ކޮލަމްބިއާގެ ކުޅުންތެރިޔާ ސަބަސްތިއާން ބުނީ މިއީ ރާއްޖޭގައި ކުޅޭ ފުރަތަމަ ފަހަރު ކަމަށާއި ކުލަބު އެޗްޑީސީގެ ކުޅުންތެރިންގެ ހުނަރުވެރިކަން ވަރަށް ރަނގަޅު ކަމަށެވެ. 
އެއީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިން ކަމަށާއި މި މުބާރާތުގައި އުންމީދަކީ އެޗްޑީސީގެ ލެގަސީ ދެމެހެއްޓުން ކަމަށްވެސް އޭނާ ބުންޏެވެ. 
އެގޮތުން މިއަހަރު ހުރިހާ މުބާރާތެއްވެސް ކާމިޔާބުކުރުމުގެ އުންމީދު އެބައޮތް ކަމަށް ސަބަސްތިއާން ބުންޏެވެ.  ޔޫރަޕްގެ ވޮލީބޯޅައިގެ ތަޖްރިބާކާރު ކުޅުންތެރިޔާ ސަބަސްތިއާން އެންމެފަހުން ކުޅުނީ ޔޫރަޕްގެ ކޮސޯވޯގައެވެ. އޭނާ އަކީ ކޮލަމްބިއާގެ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.