ޙަމަލާބަދަލު ކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އީރާނުންނާއި ޔަހޫދީން ޚިލާފުވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުޙްމަތު ކުރައްވައިފިއެވެ.
ފާއިތުވި ބާރަ ދުވަހު އީރާނާއި ޔަހޫދީން ބަދަލުކުރަމުންދިޔަ ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ ކަން އިޢުލާން ކުރެއްވީ ޓްރަމްޕެވެ. ނަމަވެސް ދެ ފަރާތުން ވެސް ވަނީ އެއްބަސްވުން ތަންފީޒުކުރަން ފެށި ފަހުން ޙަމަލާބަދަލުކޮށްފައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އެއީ އޭނާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް ޔަހޫދީންނާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ މި މޭރުމުން ވާހަކަދެއްކެވީ ހުޅަނގުގެ އަސްކަރީ އިއްތިހާދު ނޭޓޯގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ނެދަލެންޑްސްގެ ދަ ހޭގަށް ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
އޭގެ ފަހުން ޓްރަމްޕް މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޔަހޫދީންގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ވަގުތުން އެނބުރި ޤައުމަށް ދިއުމަށް ޢަމުރުކުރައްވައިފައެވެ. އަދި އީރާނަށް ބޮން އަޅައިގެންނުވާނެ ކަމަށާއި އެއީ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފުލުފުލުގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓުތަކުގައި އޭނާ ވަނީ ޔަހޫދީންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޔަހޫދީންގެ ޢަމަލުތަކާ މެދު އޮތް ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ. އެ ޕޯސްޓުތަކުގައި އޭނާ ވަނީ ހަމަޖެހުމަށް ޔަހޫދީންނަށް ނަޞޭހަތްތެރިވެވަޑައިގެންފައެވެ.