އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުން ދިޔަ ޙަމަލާތައް މެދުކަނޑައިލުމުގެ ސުންގަޑި ހަމަވުމުގެ ކުރިން އީރާނުން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް ނުރައްކާތެރި ޙަމަލާތަކެއްދީ، ޔަހޫދީންގެ 11 މީހުން މަރައިލައިފިއެވެ. އީރާންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އީރާނުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިމެއް ކަމުގައިވާ ބިއުރު އަލް-ސަބަޢަށެވެ. އެއީ ޒަޔަނިސްޓު އިސްރާއީލުގެ ދެކުނުގައި އޮންނަ ރަށެކެވެ. ބިއުރު އަލް-ސަބަޢަށް އީރާނުން ދީފައިވާ ޙަމަލާތަަކުގައި ޔަހޫދީންގެ 20 މީހުން ޒަޚަމުވި ކަމުގައި، ޒަޔަނިސްޓުންގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރިއެވެ.
ޖޫން 13ވަނަ ދުވަހުން ފެށިގެން އީރާނާއި ޔަހޫދީންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް މެދުކަނޑައިލުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އިސްވެ އީރާނަށް ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީންނެވެ. އީރާނުން ވަނީ ރައްދުގައި ޒަޔަނިސްޓު އިސްރާއީލަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދޭން ފަށާފައެވެ.
ޔަހޫދީންނާ ބައިވެރިވެ، ޖޫން 22ވަނަ ދުވަހު އެމެރިކާއިން ވެސް ވަނީ އީރާނަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. އަދި، އޭގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ޙަމަލާތަކެއް ދީފައެވެ. އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައިވާ ކަން ޓްރަމްޕް އިޢުލާނު ކުރައްވާފައި ވަނީ އޭގެ ފަހުންނެވެ.
އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވާ ކަން އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، ޙަމަލާތައް މެދުކަނޑައިލާފައި ވަނީ އީރާން ގަޑިން މެންދަމުންއަލިވެ 4 ޖެހިއިރު ކަމުގައެވެ. އަދި، ޔަހޫދީންނަށް އިތުރު ޙަމަލާތަކެއް ދިނުމުގެ ނިޔަތެއް ނެތް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އޭގެ ފަހުން ވެސް އީރާނުން ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ޙަމަލާތައް ދީފައިވާ ކަމުގައި ޔަހޫދީ ފައުޖުން ތުހުމަތު ކުރެއެވެ.
ބިއުރު އަލް-ސަބަޢަށް އަމާޒުކޮށް އީރާނުން ވަރުގަދަ ޙަމަލާތަކެއް ދިނުމާ ގުޅިގެން އީރާންގެ ވައިގެ ސަރަޙައްދު ވަނީ ބަންދު ކޮށްފައެވެ. އަދި، ފަސިންޖަރުން އުފުލާ މަތިންދާބޯޓުތަކާއި އެމަރޖެންސީ ހާލަތްތަކާ ގުޅޭ ވައިގެ އުދުހުންތައް ވެސް މެދުކަނޑައިލާފައެވެ.
އީރާނާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވެފައިވާ ކަން ހާމަކުރެއްވުމަށް ފަހު ޓްރަމްޕް ވަނީ އެ އެއްބަސްވުމަށް އިޙުތިރާމު ކުރުމަށް ދެ ފަރާތަށް ވެސް ގޮވައިލައްވާފައެވެ. ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް އެކުލަވައިލުމުގައި އެހީތެރިކަން ހޯދުމަށް ދެ ފަރާތުން ވެސް އެދިފައި ވަނީ ދާދި އެއް ވަގުތެއްގައި ކަމުގައި އޭނާ ވިދާޅުވިއެވެ. "އީރާނާއި އިސްރާއީލުން އަޅުގަނޑަށް ގާތަށް އައީ އެއް ވަގުތެއްގައި. ސުލްޙަ! އެ ކަމަށް އޮތް ވަގުތީ މިއީ ކަން އަޅުގަނޑަށް އެނގުނު،" އޭނާ ވިދާޅުވިއެވެ. "ޙަޤީޤީ ކާމިޔާބީ ލިބުނީ މުޅި ދުނިޔެއަށް، މެދުއިރުމައްޗަށް. އެ ދެ ޤައުމަށް [އީރާނާއި އިސްރާއީލަށް] ކުރިމަގުގައި ލޯތްބާއި، ސުލްޙައާއި ފާގަތިކަން ލިބިގެންދާނެ."