ފީފާ ކްލަވް ވޯލްޑް ކަޕްގައި ރޭ ބްރެޒިލްގެ ބޮޓަފޮގޯ އާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް މޮޅުވިނަމަވެސް މުބާރާތުގެ ދެވަނަ ބުރަށް ނުގޮސް އެ ޓީމު ކަޓައިފި އެވެ.
ގްރޫޕް އޭ ގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވިއިރު އެތްލެޓިކޯ މެޑްރިޑްގެ އިތުރުން ބޮޓަފޮގޯ އަށްވެސް ވަނީ ޖުމްލަ 6 ޕޮއިންޓް ލިބިފަ އެވެ. ނަމަވެސް ބޮޓަފޮގޯ އަށް ކުރި ލިބިފައިވަނީ ފައިދާ އެއް ގޯލުގެ ސަބަބުންނެވެ. އެތްލެޓިކޯ އަށް ފައިދާ ގޯލެއް ލިބިފައެއް ނެތެވެ.
ލޮސް އެޖެލެސްގެ ރޯޒް ބޯލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެތްލެޓިކޯ މެޑްރިޑަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް އެންޓޮއިން ގްރީޒްމަން އެވެ.
މި މެޗަށް ނިކުތްއިރުވެސް ދެވަނަ ބުރުގެ ޖާގައެއް ހޯދަން ބޭނުންނަމަ 3 ލަނޑުގެ ތަފާތަކުން މޮޅުވާން ޖެހޭނެކަން އެތްލެޓިކޯ މެޑްރިޑަށް އެނގޭތީ މެޗު ފެށުނީއްސުރެ އެ ޓީމުން މަސައްކަތް ކޮށްފައިވަނީ ތަފާތު ބޮޑު ނަތީޖާއަކުން މި މެޗު ކާމިޔާބު ކުރުމަށެވެ.
އެތްލެޓިކޯ މެޑްރިޑް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި އެ ޓީމުން ޖުމްލަ 25 ހަމަލައެއް އުފައްދާފައިޥާއިރު އޭގެ ތެރެއިން ފަސް ހަމަލާ ވަނީ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ. މި މެޗުގައި ބޮޓަފޮގޯގެ ގޯލު ކީޕަރު ޖޯން ވަނީ ގިނަ ހަމަލަތަކެއް މަތަކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެތްލެޓިކޯ އަށް އެންމެ އެދެވޭ ކުޅުން ދެއްކިފައިނުވާތީ ކޯޗު ޑިއެގޯ ސިމިއޯނީ ވަނީ ދެވަނަ ހާފުގައި ގްރޭޒްމަން ކުޅެން އަރުވާފަ އެވެ. އަދި އޭނާ ކުޅެން އެރުވުމާއިއެކު އެ ޓީމުން ހަމަލާތައް ވަނީ އިތުރަށް ނުރައްކާތެރިވެފަ އެވެ.
މި މުބާރާތުގެ ދެވަނަ ބުރުގައި ބޮޓަފޮގޯ އާއި ދެކޮޅަށް ނިކުންނާނީ ގްރޫޕްގެ އެއްވަނަ އަށް ދާ ޓީމެކެވެ. އެއީ އެމެރިކާގެ އިންޓަރ މަޔާމީ ނުވަތަ ބްރެޒިލްގެ ޕަލްމޭރާސް އެވެ.