ޚަބަރު

ހަނގުރާމަ ނިންމުމުގެ ޢަޒުމުގައި އީރާނުގެ ޒަމާނީ މިސައިލުތަކުން ޔަހޫދީންނަށް ޙަމަލާދެނީ


ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ދިން ޙަމަލާއާ ގުޅިގެން އީރާނުން ފަށާފައިވާ ޚާއްޞަ އަސްކަރީ ޙަރަކާތް، އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ދަށުން އަނެއްކާ ވެސް ޔަހޫދީންނަށް އަމާޒު ކޮށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. އީރާނުން އެންމެ ފަހުގެ ޙަމަލާތަކުގައި ބޭނުން ކޮށްފައި ވަނީ ތަފާތު ވައްތަރުތަކުގެ ޒަމާނީ މިސައިލާއި ސްމާޓް ޑްރޯނެވެ.

އީރާނުގެ އިންޤިލާބީ ފައުޖުން ނެރުނު ބަޔާނެއްގައި ބުނީ ޙަމަލާގައި ޚައިބަރު (ޤަދްރު-އެޗް) މިސައިލް ބޭނުން ކޮށްފައިވާ ކަަމަށާއި ޙަމަލާ ދިނުމަށް މުޅިން އަައު، އާދަޔާ ޚިލާފު އުކުޅުތައް ބޭނުން ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ޙަމަލާގައި ޔަހޫދީންނަށް ބޮޑެތި ގެއްލުންތައް ކާމިޔާބުކަމާއެކު ދީފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެ ގޮތުން ޔަހޫދީ ދައުލަތުގެ އުތުރުާއި ދެކުނާއި މެދުތެރޭ ސަރަޙައްދުތަކުގައި ހުރި މުހިންމު ތަންތަނަށް ޙަމަލާ ދީފައިވާ ކަމަށް އިންޤިލާބީ ފައުޖުން ބުނެއެވެ.

އިންޤީލާބީ ފައުޖުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އަސްކަރީ ޙަރަކާތް ކުރިއަށް ގެންދާނީ ޚާއްޞަ އުކުޅުތައް ބޭނުން ކޮށްގެން ކަމަށާއި، ޔަހޫދީންގެ ވައިގެ ދިފާޢީ ނިޒާމުގައި ހުރި ބަލިކަށި ކަންކަން ދެނެގަނެ އެ ކަންކަމަށް ސަމާލުކަން ދީގެން ކަމަށެވެ. އަދި އީރާނުގެ ޙަމަލާތައް ދާނީ ދުވަހުން ދުވަހަކަށް ވަރުގަދަވަމުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ޑްރޯން ޙަމަލާތައް ދިނުން އެންމެ ހިނދުކޮޅަކަށް ވެސް މަޑުޖައްސައި ނުލާނެ ކަމަށާއި ދުޝްމަނުން އަބަދުވެސް އުޅެން ޖެހޭނީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް އިީރާނުން ބުނެފައިވެއެވެ.

ޔަހޫދީންގެ ބައެއް ނޫސްތަކުގައި އީރާނުގެ ޙަމަލާތަކުގެ ސަބަބުން ޔަހޫދީ ދައުލަތުގެ އެކި ސަރަޙައްދުތަކުގެ މަގުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަަމަށް ބުނެފައިވެއެވެ. ޙަމަލާތަކުގެ ސަބަބުން ޔަހޫދީ ވަޒަންވެރިންނަށް ވަނީ ބިންގަރާސްތަކުގައި ހިމާޔަތް ހޯދުމަށް މަޖުބޫރުވެފައެވެ. ކުރިމަތިލުންތައް ފެށިފަހުން ފުރަަތަމަ ފަހަރަށް މެދުކެނޑުމެއްނެތި 35 މިނެޓު ވަންދެން ޙަމަލާ އަންނަ ކަމުގެ ރަނގަބީލު ވަނީ ޔަހޫދީ ރަށްތަކުގައި އިއްވާފައެވެ. އީރާނުގެ ފަހުގެ މިސައިލްތައް ހުއްޓުވުމުގައި ޔަހޫދީ ވައިގެ ދިފާޢީ ނިޒާމު ނާކާމިޔާބުވެފައިވާ ކަމަށް ވެސް ޚަބަރުތަކުގައި ފާހަގަ ކޮށްފައިވެއެވެ.

އެންމެ ފަހުގެ ޙަމަލާތަކުގައި ޚައިބަރު ޝިކަން، ޢިމާދު، ޤަދްރު އަދި ފައްތާޙް-1 މަރުކާގެ މިސައިލް ވެސް އީރާނުން ބޭނުން ކޮށްފައިވާ ކަމަށްވެއެވެ. އެ ޙަމަލާތަކުގައި ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ޞަފަދާއި ތަަލުއްދުވައިރާއި ޢަސްޤަލާންއާއި އަސްދޫދާއި ބައިސާންއަށް ގެއްލުންތައް ދީފައިވއެވެ. އަސްދޫދުގެ ހަަކަތަ އުފައްދާ މަރުކަޒަކަށް ޙަމަލާ ދީފައިވާއިރު އެ ޙަމަލާގެ ސަބަބުން ޔަހޫދީ ދައުލަތުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައި ވެސްވެއެވެ.

އީރާނާ ދެކޮޅަށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް އެ ޤައުމުގެ 400އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ގިނައީ އާންމުންގެ މީހުންނެވެ. ޝަހީދުވި މީހުންގެ ތެރޭގައި އަސްކަރީ އިސް ކޮމާންޑަރުންނާއި ނިއުލްލިޔަރ ސައިންސުވެރިން ވެސް ހިމެނެއެވެ. ޙަމަލާތަކުަގައި މިހާތަނަށް މަރުވެފައި ވަނީ ޔަހޫދީންގެ 24 މީހުންނެވެ.