ޚަބަރު

އައިޖީއެމްއެޗްގެ ހިޔަލަ ވިންގު މަރާމާތުކުރާތީ ލޭބަރ ރޫމްގެ ޚިދުމަތްތައް ދަރުމަވަންތައަށް ބަދަލުކޮށްފި


  • ލޭބަރ ރޫމްގެ ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާއަށް ވަނީ ބަދަލުކޮށްފައި

  • ވާރޑް އޭ އަދި ބީ، ދަރުމަވަންތައް ހޮސްޕިޓަލުގެ 18، 19 ވަނަ ފަންގިފިލާއަށް ވަނީ ބަދަލުކޮށްފައި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ހިޔަލަ ވިންގުގައި ކުރިއަށްދާ މަރާމަތުގެ މަސައްކަތްތަކާ ގުޅިގެން ބައެއް ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

އައިޖީއެމްއެޗްއިން ނެރުނު އިޢުލާނެއްގައި ވަނީ ހިޔަލަ ވިންގުގެ ބައެއް ފަންގިފިލާތަކުގައި ކުރަންޖެހޭ އެކިއެކި މަސައްކަތްތައްކުރުމަށް އެ ފަންގިފިލާތަކުން ދެމުންގެންދިޔަ ޚިދުމަތްތައް އެހެން ތަނަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ. އެ ގޮތުން ހިޔަލަ ވިންގުގައި ދެމުންގެންދިޔަ އޮބްސްޓެޓްރިކްސް އެންޑް ގައިނީ އިމަރޖެންސީގެ ޚިދުމަތްތަކާއި ލޭބަރ ރޫމް އަދި ލޭބަރ އިންޑަކްޝަން ޔުނިޓުގެ ޚިދުމަތްތައް ދަރުމަވަންތަ ހޮސްޕިޓަލުގެ 17 ވަނަ ފަންގިފިލާއަށްވަނީ ބަދަލުކޮށްފައެވެ.

ހަމައެއާއެކު ވާރޑް އޭ އަދި ވާރޑް ބީގައި ހިމެނޭ ވާރޑް އަދި ކޮޓަރިތައް ދަރުމަވަންތައް ހޮސްޕިޓަލުގެ 18 އަދި 19 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާއިރު، ގައިނީ ތިއޭޓަރުގެ ޚިދުމަތްތައް 12 ވަނަ ފަންގިފިލާއަށް ވަނީ ބަދަލުކޮށްފައެވެ.

އައިޖީއެމްއެޗްގެ ހިޔަލަ ވިންގުގެ މަރާމާތުގެ މަސައްކަތްކުރަމުންދާއިރު، އައިޖީއެމްއެޗްއަށް 75 އެނދު އިތުރުކުރުމަށް އައު އިމާރާތެއްގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތް ނިންމާ، ހުޅުވަން މިހާރު ވަނީ ގާތްވެފައެވެ.