ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް، ޑީޖީގެ ޝަރުތުތައް މުރާޖަޢާކޮށް، ތެލަސީމިއާ ކުދިން ލިބިދާނެ މީހުން ކައިވެނިކުރުމުގެ އުސޫލު ކަނޑައެޅުމައްޓަކައި ތެލަސީމިއާ ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަޞީރެވެ.
ބިލުގައި ބަޔާންކޮށްފައިވާގޮތުން މި އިސްލާހަކީ ތެލަސީމިއާ އެންޑް ހީމޮގްލޮބިނޯޕެތީސް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ޝަރުތުތައް މުރާޖަޢާ ކުރުމަށާއި އެ މަޤާމުގެ މަސްއޫލިއްޔަތުތައް ޤާނޫނުގައި ބަޔާންކުރުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހެކެވެ. މި ބިލުގައި ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކާވެނި ކުރުމުގެ އުސޫލުތައް ޤާނޫނުގައި ކަނޑައެޅިގެންދާނެ ކަަމަށްވެސް ވަނީ ބަޔާން ކޮށްފައެވެ.
ތެލަސީމިއާ ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައިވާގޮތުން ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަކީ ސިވިލް ސަރވިސްގެ މަޤާމެއް ކަމަށެވެ. އެ މަޤާމަށް މީހަކު އައްޔަންކުރާނީ ވަޒީރުގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަމަށާއި އެ މަޤާމަށް އައްޔަން ކުރެވޭނީ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 9ގެ ސަނަދެއް ހާސިލްކޮށް ސިއްޚީ ދާއިރާގައި މަސައްކަތްކުރުމުގެ 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ތެލަސީމިއާ ސެންޓަރުގެ ޑީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އެ މަގާމުގެ ޝަރުތުތައްވެސް ތަފްސީލުކޮށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
މި ޤާނޫނަށް ސަރުކާރުން ވަނީ ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކާވެނިކުރުމާ ގުޅޭ މާއްދާއެއް އިތުރުކޮށްފައެވެ. މިހާރު ޤާނޫނުގައި ކާވެންޏާ ގުޅޭ މާއްދާއެއް ނެތް ނަމަވެސް ތެލަސީމިއާއަށް ޓެސްޓުކުރުމުގައި ފަރުދުންގެ ޒިންމާއާ ގުޅޭ މާއްދާއެއް އޮވެއެވެ.
އެ މާއްދާގެ ފަހަތަށް އިތުރުކުރާ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކާވެނިކުރަން އެދޭ ދެ ފަރާތުންވެސް ކާވެނިކުރުމަށް ހުއްދަށް އެދި ރަޖިސްޓްރާރަށް ހުށަހަޅަންޖެހޭނީ ތެލަސީމިއާ ޓެސްޓް ކުރުމަށްފަހު އޭގެ ނަތީޖާއާއެކުގައެވެ. އެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުން ކަމުގައިވާނަމަ އެފަދަ ކައިވެންޏެއް ކޮށްދެވޭނީ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދެއްގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހާއެކު އަލަށް އެކުލަވައިލާންޖެހޭ ޤަވާއިދުތަކާއި އުސޫލުތައް އިސްލާހަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލައި އާންމު ކުރަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.