އެއްގަމު އުޅަނދުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެގޮތަށް އިތުރު އިންޝުއަރެންސް ޕެކޭޖެއް ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަތުރު ފަތުރުގެ ކުރުމުގެ ސިނާޢަތައް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މާލެ ފަހި ޕްރޮގްރާމްގެ ދަށުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މާލެތެރެ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ގެނައުމާއި، އުޅަނދު ފަހަރު އިންޝުއަރެންސް ކުރުމުގެ އުސޫލަށް ބަދަލުގެނައުމާއި ތާޑް ޕާޓީ އިންޝުއަރެންސް ކުރުމާއި އިންޝުއަރެންސުން ބަދަލު ލިބިދޭ އުޞޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ތަރޑް ޕާޓީ އިންޝުއަރެންސަކީ ސީދާ ވެހިކަލެއް ވަގަށް ނަގައިިގެން ބަދަލު ދިނުމެއް ނޫންކަމަށެވެ.
ވަޒީރު ވިދާޅުވީ މުޅި ޓްރެފިކް މައްސަލައަށް ހައްލުގެނައުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކުގެ ޑްރާފްޓް އެކުލަވާލައި މަޖިލީހަށް ހުށައެޅުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިބަދަލުތަކާއެކު އެޤާނޫނު ފާސްވެގެން އައުމުން މައްސަލަތަކަށް ހައްލު އަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާރު އޮތް ޤާނޫނުގެ ދަށުންވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށެވެ. އެގޮތުން މިހާރު އޮތް ޤާނޫނުގެ ދަށުން ތާރޑް ޕާޓީ އިންޝުއަރެންސްގެ ތެރެއިން އިތުރު އިންޝުއަރެންސް ޕެކޭޖެއް ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ތެރޭގައި ތަޢާރަފް ކުރެވޭނެކަމަށް ވިދާޅުވިއެވެ.
"އެޤާނޫނު ފާސްވެގެން އައީމަ މައްސަލަތަކަށް ހައްލު އަންނާނެ. އެހެންނަމަވެސް މިހާރު އޮތް ގާނޫނުގެ ދަށުންވެސް ތާރޑް ޕާޓީ އިންޝުއަރެންސަށް ކޮމްޕްރެހެންސިވް އިތުރު އިންޝުއަރެންސް ޕެކޭޖެއް ހުރިހާ އިންޝުއަރެންސް ކުންފުނިތަކާއި އެކީގައި ޕެކޭޖެއް ތަޢާރަފްކުރުމުގެ މަސައްކަތް ދަނީ ކުރަމުން. ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 45 ދުވަސް ނުވަތަ 2 މަހެއްހާ ދުވަހުގެ ތެރޭގައި އައު ކޮމްޕްރެހެންސިވް އިންޝުއަރެންސް ޕެކޭޖެއް އިންޓްރޮޑިއުސް ކުރެވިގެން ދާނެ" ވަޒީރު އަމީން ވިދާޅުވިއެވެ.
ތާރޑް ޕާޓީ އިންޝުއަރެންސަކީ އެއް އުޅަނދަކުން އަނެއް އުޅަނދަކަށް ނުވަތަ ތަންތަނާއި މުދަލަށް ލިބޭ ގެއްލުމަށް ބަދަލު ދެވޭގޮތަށް ކޮށްފައި ހުންނަ އިންޝުއަރެންސެވެ. އިންޖީނުލީ އެއްގަމު އުޅަނދު ތާރޑް ޕާޓީ އިންޝުއަރެންސް ކުރުމުގެ ގަވާއިދުގައިވާގޮތުން ތާރޑް ޕާޓީ އިންޝުއަރެންސްގެ ޚިދުމަތް ލިބިގަންނަންވާނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ، އިންޝުއަރެންސްގެ ޚިދުމަތް ދިނުމުގެ ހުއްދަ އޮތް، އިންޝުއަރެންސް ކުންފުންޏަކުންނެވެ.
އެއްގަމު އުޅަނދުގެ ތާރޑް ޕާޓީ އިންޝުއަރެންސަކީ ރަމްޒީ އެއްޗެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުމަކަށް ގެނެސް ލިބޭ ގެއްލުންތަކަށް ފުރިހަމަ ބަދަލުލިބޭގޮތް ހެދުމުގެ މަސައްކަތްވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.