ޚަބަރު

ދަރަނި ދެއްކުމަށް 1.9 ބިލިޔަން ރުފިޔާ އިތުރަށް ހޭދަކޮށްފި؛ ބަޖެޓު އަރަނި ހިފެހެއްޓުނު


  • ޖުމްލަ 3 ބިލިޔަން ރުފިޔާ ދަރަނި ދެއްކުމަށް މިއަހަރު ހޭދަކުރި

  • މިއަހަރުގެ މިހާތަނަށް 20.6 ބިލިޔަން ރުފިޔާގެ ޚަރަދު ކޮށްފައިވޭ

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ދަރަނި ދެއްކުމަށް 1.9 ބިލިޔަން ރުފިޔާ އިތުރަށް ހޭދަކޮށްފައިވާ ކަމަށާއި، މިއާއެކުވެސް ދައުލަތުގެ ބަޖެޓުގެ އަރަނި ހިފެހެއްޓިފައިވާ ކަމަށް، މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ މާލީ ތަފާސް ހިސާބުތައް ހިމަނައިގެން މާލީ ވުޒާރާއިން ކޮންމެ ހަފްތާއަކު ނެރޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައެވެ.

މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހިމެނޭ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު، އަހަރުގެ މިހާތަނަށް 3 ބިލިޔަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކާފައިވާ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދަރަނި ދެއްކުމަށް ހޭދަކޮށްފައިވަނީ، 1.1 ބިލިޔަން ރުފިޔާއެވެ. މިއާއެކު، މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު ދަރަނިދެއްކުމަށް އިތުރު 1.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކަފައެވެ.

އަހަރު ފުރަތަމަ 6 މަސް ދުވަހު، ދައުލަތުން ދަރަނި ދެއްކި މިންވަރު އިތުރުވިނަމަވެސް ޚަރަދުތައް ވަނީ ކުޑަކޮށްފައެވެ. އެގޮތުން އަހަރު ދެބައިވީއިރު، މިހާތަނަށް ހޭދަކޮށްފައިވަނީ 20.6 ބިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 8.7 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރު މިމުއްދަތުގައި 22.5 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ދައުލަތުން ޚަރަދުތައް ކުޑަކުރުމާއެކު، އަހަރު ދެބަވީއިރު ހޯދި އާމްދަނީ އާއި ހިލޭ އެހީގެ މިންވަރުވެސް ވަނީ އިތުރުވެފައެެވެ. އެގޮތުން މިހާތަނަށް 17 ބިލިޔަން ރުފިޔާ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 6.0 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިނީ 16 ބިލިޔަން ރުފިޔާއެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުން އެދެވޭ ނަތީޖާއެއް ނެރެވިފައިވާ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ޖުމްލަ ބަޖެޓު 1.3 ބިލިޔަން ރުފިޔާއިން އަރަނިވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.