ޚަބަރު

ބައެއް އާސާރީ ބިނާތައް ސާފުކޮށް ބެލެހެއްޓުން ވެމްކޯއާ ހަވާލުކޮށްފި


  • ހަވާލުކޮށްފައިވަނީ، ވެމްކޯގެ ޚިދުމަތްދޭ ރަށްރަށުގައި ހުރި ބައެއް އާސާރުތައް

  • ކޮންމެ 3 މަހަކުން ވެކިއުމްކޮށް، ސާފުކުރާނެ

ރާއްޖޭގެ ތާރީޚީ ބައެއް ބިނާތައް ސާފުކޮށް ބެލެހެއްޓުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބައެއް އަމަލީ އެހީތެރިކަން ދިނުމަށް، ދިވެހިބަހާ ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރުން އޮތީ މިކަމަށްޓަކައި ވެމްކޯގެ މައި އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޔާނިޢު ހާޝިމެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.

މިއެއްބަސްވުމުގެ ދަށުން، ވެމްކޯއިން ޚިދުމަތްދޭ ރަށްރަށުގައި، ފަސޭހައިން ވާސިލުވެވޭގޮތަށް ހުރި އާސާރީ ތަންތަނުގެ ސާފުތާހިރުކަން ވެމްކޯއިން ބަލަހައްޓާނެއެވެ. އެގޮތުން މިފަދަ ތަރިކައިގެ ބައެއް ބިނާތައް ކޮންމެ ތިންމަހަކުން އެއްމަހު ވެމްކޯގެ ފަރާތުން ބަލައި ވެކިއުމްކޮށް، ތަނުގެ ސާފުކަމާއި ޒީނަތްތެރިކަމަށް ބޭނުންވާ ޚިދުމަތްތައް ދެމުންދާނެއެވެ.

ދިވެހިރާއްޖޭގެ ތަރިކަ ރައްކާތެރި ކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަސައްކަތަކަށް ވާއިރު، ޤައުމީ މިމަސައްކަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެއްބާރުލުން ލިބެމުންދާކަން ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.