ފީފާ ކްލަބް ވޯލްޑް ކަޕްގައި ރޭ އޯކްލޭންޑް އާއި ދެކޮޅަށް ބެންފީކާ ކުޅުނު މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބެންފީކާ މޮޅުވެއްޖެ އެވެ.
ގްރޫޕް ސީ ގައި ކުޅުނު މި މެޗުން ބެންފީކާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. އޯކްލޭންޑް ސިޓީއަށް ދެ މެޗުން ޕޮއިންޓެއް ލިބިފައިނުވާއިރު އެ ޓީމު އޮތީ ގްރޫޕުގެ ފުލުގަ އެވެ. ދެވަނައިގައި އޮތް ބަޔާން މިއުނިކަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
އޯލަންޑޯގެ އިންޓަރ އެންޑް ކޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބެންފީކާ އިން ޖެހި ފުރަތަމަ ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އެންހަލް ޑިމާރިޔާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ބޯކޮށް ވިއްސާރަވެ ގުގުރުމާއި ގުޅިގެން މެޗު ފަށަން އޮތް ވަގުތަށްވުރެ ދެ ގަޑިއިރު ފަހުން މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިއިރު ބެންފީކާ އިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބަޔާން މިއުނިކް އަތުން 10-0 ގެ ނަތީޖާއަކުން އޯކްލޭންޑް ބަލިވެފައިވާއިރު މި މެޗުގައި އެ ޓީމުން ވަނީ ރަގަޅު ކުޅުމެއް ދައްކާފަ އެވެ.
ޕާޓްޓައިމް ކުޅުންތެރިންތަކެއް ހިމެނޭ އޯކްލޭންޑް ސިޓީ އާއި ދެކޮޅަށް ބްންފީކާ ކުޅުނު މެޗުގެ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުންތެރިން ވަރުބަލިވި ވަގުތު ބެންފީކާ އިން ވަނީ އޭގެ ފައިދާ ނަގާފަ އެވެ. އަދި 53 ވަނަ މިނިޓުގައި ވެންގޭލިސް ޕަވްލީޑިސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ފަސް ބަދަލެއް ގެނެސްގެން އޯކްލޭންޑް ސިޓީ އިން މި މެޗަށް ނިކުތްއިރު އެ ޓީމުގެ ޒުވާން ކީޕަރު ނަތަން ގެރޯ ވަނީ ގިނަ ހަމަލަތަކެއް މަތަކޮށްފަ އެވެ.
މެޗުގެ 63 ވަނަ މިނިޓުގައި ރެނާޓޯ ސަންޗޭޒް އިތުރު ލަނޑެއް ޖަހާފައިވާއިރު, ލިއަންދްރޯ ބެރޭރޯ ވަނީ 76 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާފަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން ބެރޭރޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްފަ އެވެ.
ބެންފީކާ އިން މި މެޗުގައި ޖެހި ހަވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވަ އިތުރު ވަގުތުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އެންހަލް ޑިމާރިޔާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.