ޚަބަރު

ކޮންޓެއިނަރ އުފުލާ އުޅަނދަކަށް އެސްޓީއޯ މެދުވެރިކޮށް 250 މެޓްރިކް ޓަނުގެ ތެޔޮ ފޯރުކޮށްދީފި


  • ޕައިލޮޓޭޖްގެ ޚިދުމަތް ފޯރުކޮށްދީފައިވަނީ 'ވިންޑް 2' ނަމަކަށް ކިޔާ ކޮންޓެއިނަރ އުފުލާ އުޅަނދަކަށް

  • މި އުޅަނދަށް ޚިދުމަތް ދީފައިވަނީ އިހަވަންދިއްޕޮޅު އޮފް ޕޯޓް ލިމިޓްޑުން

އެމްޕީއެލްގެ އުތުރު މެރިޓައިމް ސަރވިސްއިން ކޮންޓެއިނަރ އުފުލާ އުޅަނދަކަށް އެސްޓީއޯ މެދުވެރިކޮށް 250 މެޓްރިކް ޓަނުގެ ތެޔޮ ފޯރުކޮށްދީފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވީ، އުތުރު މެރިޓައިމް ސަރވިސް، ޔޫއެމްއެސްގެ ދަށުން 'ވިންޑް 2' ނަމަކަށް ކިޔާ ކޮންޓެއިނަރ އުފުލާ އުޅަނދަކަށް ޕައިލޮޓޭޖްގެ ޚިދުމަތް ފޯރުކޮށްދީފައިވާކަމަށެވެ. އަދި މިއުޅަނދަށް ޚިދުމަތް ދީފައިވަނީ ރޭގެ ވަގުތެއްގައި، އިހަވަންދިއްޕޮޅު އޮފް ޕޯޓް ލިމިޓްސް، އޯޕީއެލުންކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

'ވިންޑް 2' އަކީ ކެންޔާގެ މޮމްބާސާއިން އިންޑިޔާގެ ވިޒިންޖަމްއަށް ދަތުރުކުރަމުންދާ އުޅަނދެކެވެ.

އެމްޕީއެލްއިން ވިދާޅުވީ، މި އުޅަނދު އައީ ބަންކަރިންގއަށްކަމަށެވެ. އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ އެހީއާއެކު މި އުޅަނދަށް 250 މެޓްރިކް ޓަނުގެ ތެޔޮ ފޯރުކޮށްދީފައިވާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

މީގެ އިތުރުން، މިއީ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ބައިނަލްއަޤްވާމީ ޝިޕިންގ ރޫޓްތަކަށް ޚިދުމަތް ދިނުމުގައި ޔޫއެމްއެސްގެ ޤާބިލުކަން އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއްކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ އިންވެސްޓްކޮށްފައިވެއެވެ.

ބަންކަރިންގެ ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދަނީ ގާތްގަނޑަކަށް 4000 ޓަނުގެ ތެޔޮ އުފުލާ 2 ބޯޓެވެ. މި ބޯޓުތަކުން ބަންކަރިންގެ ޚިދުމަތް ދެމުންދަނީ އޮފްޝޯކޮށް ނުވަތަ ކަނޑުގައި އުޅަނދެއް ބާއްވައިގެންނެވެ.